ފައްޔާޒް އިސްމާއީލް

އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ނާދޭ: ފައްޔާޒް

އިންޓަނެޓް އަގުހެޔޮ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު މިހާރު ފުއްދިފައިވާ ކަމަށާ އިންޓަނެޓް އަގު ހެޔޮ ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައިވަނިކޮށް އިންޓަނެޓްގެ އަގަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށް އެ މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް އެއީ އެދެވޭ ބަދަލެއް ނޫން ކަމަށެވެ. އަދި މިހާރު އައިސްފައިވާ ބަދަލަކީ ސަރުކާރުގެ ބައިވެރިވުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު އެ އިޝާރާތް ކުރައްވަނީ ރޯދައާ ގުޅިގެން އިންޓަނެޓް ޕެކޭޖްތައް ކުންފުނިތަކުން އަގުހެޔޮ ކުރާ ކުރުމަށް ކަމަށް ބެލެވެއެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކުރިއަށް އޮތްތާ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ އިންޓަނެޓްގެ އަގު މިހާރު ހުރީ ރައްޔިތުންގެ އަތްފޯރާފަށުގައި ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިންޓަނެޓްގެ އަގުވެސް ރައްޔިތުންގެ އަތްފޯރާފަށައް މިއަދު ވަނީ ތިރިކުރެވިފައިވޭ. އަޅުގަނޑު މިހެން ދަންނަވާލަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުރި،" އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާއި ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާއަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ. ކުންފުނިތަކުން މި ބަދަލު ގެނައީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރޯދަ މަސް ފެށުމާ ހަމައަށް ޖީބީއެއް ލިބެނީ 33 ރުފިޔާއަށް ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފަސްރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ. އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި އަދި މި ރަމަޟާންމަސް ފެށުމާ ހަމައަށްވެސް 33 ރުފިޔާއަށް ހުރި އެއްޗެއް ފަސް ރުފިޔާ ބަޔަށް ލިބޭ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަޅުގަނޑު މިދައްކަނީ 1000 ރުފިޔާއަށް ވިއްކާ ޕެކޭޖެއްގައި އިންނަނީ 30 ޖީބީ ޑާޓާ ކަމަށްވާނަމަ މިއަދު އެބަ ލިބޭ އެއްކަލަ 1000 ރުފިޔާއަށް 180 ޖީބީ،"

"ރައީސްގެ ވައުދު މިހާރު ފުއްދިއްޖެ. އިންޓަނެޓްގެ އަގު ހެޔޮ ކުރެެވިއްޖެ،" އިންޓަނެޓް އަގުހެޔޮ ކޮށްފައިވާކަން އެއްވެސް ކުންފުންޏަކުން ރަސްމީކޮށް ހާމަ ކޮށްފައިނުވަނީސް އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް މިހެން ވިދާޅުވި ނަމަވެސް ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. ނަަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ އެ ދުވަހު ނުދެއްވަ އެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކު ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ދިރާގާއި އުރީދޫއިން އިންޓަނެޓްގެ ހެޔޮ ޕެކޭޖްތަކެއް ތައާރަފުކުރެއެވެ. މި ރޯދަ މަހަށްވެސް ހާއްސަ ޕްރޮމޯޝަންތަކާއި އަގުހެޔޮ ޕެކޭޖްތައް އެ ދެ ކުންފުނިން ވަނީ ތައާރަފު ކޮށްފައެވެ.