އިންޓަނެޓްގެ ސާވިސް

އިންޓަނެޓްގެ އަގު ހެޔޮކުރަން އަދި ނުނިންމާ

ޖުލައި ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓް އަގުހެޔޮ ކުރަން ނިންމާފައިވާ ކަމަށް ފަތުރަމުންދާ ހަބަރު ސަރުކާރުން ދޮގުކޮށްފި އެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ ކަމަށް ލަފާ ކުރެވޭ ތާރީހުތައް ސަރުކާރުން ކަނޑަައަޅާފައިވެއެވެ. ބައެއް ތާރީހުތައް ފަހަަނަ އަަޅާ ގޮސްފައިވަނިކޮށް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ނިންމާ ކުންފުނިތަކާއެކު ސަރުކާރަަށް އެއްބަސްވުމަކަަށް އާދެވިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އަދި ބައެއް މީޑިއާތަކުން ވަނީ ހެޔޮކުރަން އެއްބަސްވި މިންވަރުވެސް ހާމަކޮށްފައެވެ. އެކަމަށް އެއްބަސްވުމުގެ ކުރީން ކުންފުނިތަކުން ސަރުކާރަށް ޝަރުތުތަކެއްވެސް ކުރިމަތިކޮށްފައިވާ ކަމަށާ އެ ޝަރުތުތައް ސަރުކާރުން ގަބޫލު ކޮށްފައިވާ ކަމަަށްވެސް ބުނެފައިވެއެވެ.

އެއް ކަމަކީ އެހެން ކުންފުންޏަކަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކުރިއަށް އޮތް ތިން އަހަރަށް ފުރުސަތު ނުދީ ބަންދު ކޮށްލުން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ސަރުކާރުން މިރޭ ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ޖުލަައިގައި ނެޓް އަގުހެޔޮވާނެ ކަމަށް ބުނެ ފަތުރަނީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދު ފުއްދެވުމަށް ހިދުމަތްދޭ ކުންފުނިތަކާ ވާހަކަ ދައްކާ މަޝްވަރާ ކުރަމުންދާ ކަމަަށެވެ. ނަމަވެސް މިވަގުތަށް ވަކި މުއްދަތަކަށް އަދި ވަކި އަގުތަކަކަށް އެއްބަސްވެވިފައިނުވާ ކަމަށެވެ.

ނަމަވެސް އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން މިރޭވެސް ދެެއްވިއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު މިހާރު ފުއްދިފައިވާ ކަމަށާ އިންޓަނެޓް އަގު ހެޔޮ ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް މީގެ ކުރިން ވިދާޅުވިއެވެ. އެ ފަހަރުވެސް އެ ވާހަކަތައް ފައްޔާޒު ދޮގުކުރައްވާ ހަގީގަތް ސާފުކޮށްދެއްވިއެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. ނަަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ އެ ދުވަހު ނުދެއްވަ އެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކު ވިދާޅުވި އެވެ.