އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް އެ ހިދުމަތްދޭ އޮޕަރޭޓަރުން އެއްބަސް ކުރުވި ކަމަށާ ނަމަވެސް އެކަން ސަރުކާރުން ނުކުރީ އެމްޑީޕީގެ ވަޒީރަކު މަގާމުގައި ނެތުމުން ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ އިންޓަނެޓްގެ އަގު ބޮޑުތަނުން ހެޔޮކޮށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދު މިހާރު ފުއްދިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އިންޓަނެޓްގެ އަގަށް ބަދަލެއް އައީ ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ނޫން ކަމަށާ އަދި އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިވެސް ނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަރަށް އަވަހަށް އެ މައްސަލަ ހައްލުވެ އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
އެކަމަށް އިޝާރާތް ކުރައްވާ ކުރީގެ މިނިސްޓަރު މަލީހު ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ ޖޫން 19، 2019 ގައި ވެރިކަމަށް 6 މަހު ގައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ. އަދި އެކަން ކުރަން ސަރުކާރަށް ކެރިވަޑައިނުގެން ކަމަށް ވިދާޅުވެ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ ނިޔަތް މި ސަރުކާރަކު ނެތް ކަމަށް މަލީހު ވިދާޅުވިއެވެ.
"އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ،" މަލީހު ވިދާޅުވިއެވެ.
މަލީހު މިނިސްޓަރު ކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ އިންޓަނެޓްގެ އަގު މިހާރު ހުރީ ރައްޔިތުންގެ އަތްފޯރާފަށުގައި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިންޓަނެޓްގެ އަގުވެސް ރައްޔިތުންގެ އަތްފޯރާފަށައް މިއަދު ވަނީ ތިރިކުރެވިފައިވޭ. އަޅުގަނޑު މިހެން ދަންނަވާލަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުރި،" އަލީ ސޯލިހް ވިދާޅުވިއެވެ.
އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާއި ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާއަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ. ކުންފުނިތަކުން މި ބަދަލު ގެނައީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރޯދަ މަސް ފެށުމާ ހަމައަށް ޖީބީއެއް ލިބެނީ 33 ރުފިޔާއަށް ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފަސްރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ. އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި އަދި މި ރަމަޟާންމަސް ފެށުމާ ހަމައަށްވެސް 33 ރުފިޔާއަށް ހުރި އެއްޗެއް ފަސް ރުފިޔާ ބަޔަށް ލިބޭ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަޅުގަނޑު މިދައްކަނީ 1000 ރުފިޔާއަށް ވިއްކާ ޕެކޭޖެއްގައި އިންނަނީ 30 ޖީބީ ޑާޓާ ކަމަށްވާނަމަ މިއަދު އެބަ ލިބޭ އެއްކަލަ 1000 ރުފިޔާއަށް 180 ޖީބީ،"
"ރައީސްގެ ވައުދު މިހާރު ފުއްދިއްޖެ. އިންޓަނެޓްގެ އަގު ހެޔޮ ކުރެެވިއްޖެ،" އިންޓަނެޓް އަގުހެޔޮ ކޮށްފައިވާކަން އެއްވެސް ކުންފުންޏަކުން ރަސްމީކޮށް ހާމަ ކޮށްފައިނުވަނީސް އަލީ ސޯލިހް ވިދާޅުވިއެވެ.