ލައިފްސްޓައިލް

ޑޮންޑޮނަށްފަހު "ޑޮން" އުފެއްދި ދެބެން!

ހިތާމައަކީ ރާއްޖޭ ޑޮންޑޮންގެ ބާނީ ލޯޖެހި އަހުމަދު މަނިކު އިއްޔެ އަވަހާރަވުމެވެ. އުފަލަކީ ޑޮންޑޮންފަދަަ އާ ބުއިމެއް އާ ދެކުއްޖަކު ވެގެން ގެނެސް ދިނުމެވެ؛ އަހަންމަދޭގެ މަޝްހޫރު އެ ޑޮންޑޮނަށް ފަހު މިފަހަރު އައީ "ޑޮން" އެވެ. ހަމަ ޑޮންޑޮންފަދަ މީރު ބުއިމެކެވެ. ޑޮންގެ ކަސްޓަމަރަކު އިންސްޓަގްރާމްގައި ލިޔުނެވެ: "ޑޮން ޖިންޖާ ބިއަރު ވަރަށް މީރު! ވަރަށް ރިފްރެޝިން އަދި އެހާމެ ރަހަ މީރު! އެހެން ހުރިހާ ޕްރޮބައޮޓިކް ހިމެނޭ އެއްޗަކަށްވުރެ ބޮޑަށް އަހަރެން ބުއިމަށް ހިޔާރު ކުރާނީ މި ޖިންޖާ ބިއަރު!" އޭނާ އަދި އިތުރަށް ވެސް ލިޔުނެވެ. "ކުޑަކުދިން އެމީހުންގެ މުސްތަގުބަލު ފަހި ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާތަން ފެނުމަކީ އުފާވެރިކަން ލިބޭ ކަމެއް!"

މި ވީގޮތް ބެލި އިރު މި ދުވަސްކޮޅު ވައިގަ ހިފައިގެން އުޅޭ އެއް ރަހައަކީ ޑޮން ޖިންޖާ ބިޔަރެވެ. މި ޕްރޮޑަކްޓްގެ ރަހަ މީރުވުމާއި ހިނގައިގަތުމާއި އާންމުން ބަލައިގަތުން ހާއްސަ އެވެ. އެކަމަކު އެންމެ ހާއްސަ ކަމަކީ މިއީ ދެ ކުއްޖަކު ސައިންސާއި އެކްސްޕެރިމެންޓް ކުރަން އޮތް ޝައުގާއެކު ކޮވިޑް ލޮކްޑައުންގައި ފައްކާ ކޮށްފައިވާ ރެސިޕީއަކަށް އެކުދީން އަމިއްލައަށް އީޖާދު ކޮށްފައިވާ ބުއިމަކަށް ވާތީ އެވެ.

މި ހާއްސަ އުފެންދުން ގެނައީ އަޔާން، 13، އާއި އުމެއިރު، 11، އެވެ. މިއީ ދެ ދަރިވަރުންނެވެ. އަދި އެއީ ދެބެންނެވެ. ކޮވިޑް ލޮކްޑައުންގައި އެ ދެބެން ހެދި އެކްސްޕެރިމަންޓަށް މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އެކުދިންނަށް ވެސް ހީކުރެވިފައެއް ނެތެވެ.

ލޮކްޑައުންގައި ގިނަ މީހުނާއި ކުދީން ގެއްލުނީ ސްކްރީނުގެ ތެރެއަށެވެ. ވަރަށް ގިނަ ކުދިން "ސްކްރީން އަޅަ" ކަށްވި އެވެ. މި ދެބެން އެ ގޯޅި އަޅައިފާނެތީ އެކުދިން ޝައުގުވެރިވާ އަދި ފައިދާ އޮތް ބޭނުންތެރި މަސައްކަތެއް ދަސްކޮށްދިނުމަށް ތެދުވީ ދެބެންގެ މަންމަ، ޝަޒްނާއި އަހުމަދާއި ބައްޕަ، މުހައްމަދު މުސްތަރްސިދެވެ އެ ދެމަފިރިންގެ އެހީތެރިކަމާއެކު ކުޑަ ދެބެންގެ އެކްސްޕެރިމެންޓް ކާމިޔާބީއާ ހަމައަށް ގެންދިޔައީ އެކަންޏެއް ނޫނެވެ. ވަރަށް ބޮޑަށް ފުޅާކޮށްލެވިދާނެ ވިޔަފާރިއެއްގެ ގޮތުގައި ކުޑަވިޔަފާރިއަކަށް ބަދުލުކޮށްލީ އެވެ. ބްރޭންޑަކީ "ޑޮން" އެވެ. ޑޮންއާ ހަމައަށް ދެވުނީ އެކްސްޕެރިމެންޓަށް ފަހު އާއިލާގެ ތެރެއިން ރަހަ ބަލައި ޓެސްޓްކޮށް ފާސް ވެގެނެވެ.

ލޮކްޑައުންގައި މި ދެބެން ރެސިޕީ އުފެއްދުމުގެ ކުރިން އެހެން ބައެއް މަސައްކަތްވެސް އެކުދީން ކުރި އެވެ. ވަކަރު ކީހައިގެން މަސައްކަތެއް ކުރިއެވެ. ތަށި ބަހައްޓާ ކޯސްޓާ ހެދުން ކަހަލަ ކަމެއް ވެސް ކުރި އެވެ. އަދި ރެސިން ބޭނުން ކޮށްގެން އާޓް މަސައްކަތެއް ކުރަން ވެސް ދިމާކުރި އެވެ.

އެކަމަކު ތަހްލީލު ކުރުމާއި ކަންކަން ހޯދާ ބެލުމަށް ދެބެންގެ ހުރި ޝައުގާއެކު އެންމެ ފަހުން ގޭގައި ޖިންޖާ ބިޔަރު ކައްކަން ފެށީ އެވެ. ކެއްކުމަކީ ވެސް ސައެންސަކަށްވާއިރު ޖިންޖާ ބިޔަރު ގޭގައި ހެދީ ބކެމިސްޓްރީ ފިލާވަޅެއްގެ ގޮތުގަ އެވެ. މި ބުއިން ތައްޔާރު ކުރުމަށް ބޭނުންވާ އިންގްރީޑިއެންޓްސް ފަސޭހައިން ލިބުން ވެގެން ދިޔައީ މި އެކްސްޕެރިމެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން ދެބެންނަށް ފަހިވީ ފުރުސަތެކެވެ.

ޖިންޖާ ބިޔަރަކީ ލުނބޯ އާއި އިނގުރާއި ހަކުރާއި އީސްޓް ހިމެނޭ ގޮތަށް ފާމެންޓް ކޮށްގެން ހަދާ "ބަގަ"ކުން އުފައްދާ ވަރަށް މީރު ބުއިމެކެވެ. މި ބުއިމަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްކެވެ. ސަބަބަކީ އޭގައި ހިމެނެނީ އިނގުރާއި ލުނބޯ އަދި ލައިވް ޕްރޯބައޮޓިކް ކަލްޗާ އެވެ. އެތަކެތީގެ ސިއްހީ ފައިދާ މީގެ އެތައް ޒަމާނެއް ކުރިންސުރެ ދެނެގަނެވިފައި ވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެހެން ބުއިންތަކުގައި އާއްމުކޮން ނުހުންނަ ބަނޑަށް ރަނގަޅު ދިރޭ ބެކްޓީރިއާތައް ޑޮންގައި ހުރުމެވެ. ވައިގެ އުނދަގޫވާ މީހުން ޑޮން ޖިންޖާ ބިޔަރެއް ބޯލީމާ ބަނޑު ހަމައަކަށް އެޅިދެއެވެ.

ދެބެންގެ ޑޮން، ބްރޭންޑްގެ ހޯމްމޭޑް ޖިންޖާ ބިޔަރާ ބެހޭ ގޮތުން އެ ދެބެންގެ ބައްޕަ، މުހައްމަދު ބުނި ގޮތުގައި އޭނާގެ އަޔާން އާއި އުމެއިރަކީ ކަންކަން ހޯދާ އެކްސްޕެރިމެންޓް ކުރަން ބޭނުންވާ އަދި އެކަމަށް ވަރަށް ޝައުގުވެރިވާ ދެބެންނެވެ.

"ލޮކްޑައުންގައި ގޭ ތެރޭ ތިބެން ޖެހުމުން އެ ކުދިން އެކި މަސައްކަތް ކުރުމުން އައީ. އެކިއެކި އެކްސްޕެރިމެންޓް ހެދުމުގައި ގިނަ ވަގުތު ހޭދަކުރި. އަޅުގަނޑުމެން ބަލަނީ އެކުދިންނަށް ނުރައްކަލެއް ނެތް ކަމެއް ނަމަ އަދި ޝައުގުވެރިވާ މަސައްކަތެއްނަމަ ކުރިއަށް ގެންދެވޭނެ ގޮތް ހޯދައި ދެވޭތޯ. އެ ފުރުސަތު ފަހިކޮށްދޭން ބޭނުން ވަނީ، އޭގެ ތެރެއިން ޑޮން އައީ!" އޭނާ ބުންޏެވެ.

"ފުރަތަމަ މި ހަދަން ޖެހެނީ މި ކިކްސްޓާޓް ކުރާ ބަގް. މިއީ ދުވަސްތަކެއްގެ ފާމެންޓޭޝަނުން ހެދޭ އެއްޗެއް. ހުރިހާ އެއްޗެއް އެއްކޮށްފައި ފާމަންޓް ކުރަން 14 ވަރަކަށް ދުވަހަށް ބަހައްޓަން ޖެހޭ. ބަގް ފުރިހަމަ ވަންދެން ކޮންމެ ދުވަހަކު އެއަށް ކާންދީ ފެން ދޭން ޖެހޭ. ބަގް ސަކްސެކްސްފުލް ވީމާ ދެކުދިން ތިބީ ވަރަށް އުފަލުން. ފުރަތަމަ ކެއްކި ބައިތައް އާއިލާގެ މީހުންނަށް ހަދިޔާ ކުރީ. އެންމެނަށް ވެސް ވަރަށް ބޮޑަށް ރަހަ ކަމުދިޔަ،"

ގޭގައި ހެދި ސައިންސް އެކްސްޕެރިމެންޓް އާއިލާ ތެރޭގައި ވީ ބޮޑު ކާމިޔާބީއަކަށެވެ. އޭގެ ފަހުން އަޔާންގެ އެދުމަށް އެއްވެސް މީހަކު ހޯމްމޭޑް ޖިންޖާ ބިޔަރެއް ގަނެލައި ޓްރައި ކުރަން ބޭނުންތޯ ބަލަން އަޔާންގެ މަންމަގެ އިންސްޓަގްރާމް ޕޭޖްގައި އެ ވާހަކަ ޖެހި އެވެ. އެކަންވީ ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބުނު ކަމަކަށެވެ. ވަރަށް ގިނަ ބަޔަކު ގުޅައި އެހައި ގިނަ ކަސްޓަމަރުން ލިބިގެންދިޔަ އެވެ.

"އޭގެ ފަހުން ވަކިން ބްރޭންޑް ނަމެއް ހަދަން ބެލި އިރު 'ޑޮން' ނަމުގައި ހެދުމަށް ވިސްނުނީ ވަރަށް ބޮޑަށް ވަށައިގެންވާ މާހައުލާއި ތިމާވެއްޓާއި ގުޅޭ ނަމެއް، 'ޑްރޮޕްސް އޮފް ނޭޗާ' ކިޔުމުގެ ބޭނުމުގައި،"

މި ދެބެންގެ ބައްޕަ ބުނާ ގޮތުގައި ޑޮންއަށް ލިބުނު ބޮޑު ތަރުހީބާއެކު ފުރުސަތު ބޭނުން ކުރީ ކުދިންނަށް ވިޔަފާރީގެ ކޮންސެޕްޓް ދަސްކޮށް ދޭށެވެ. އޭގެ ތެރެއިން އެ ދެބެންނަށް އޮންޓަޕްރީނިއާޝިޕް އާއި ބިޒްނަސް ފައިނޭންސަށް ވަރަށް ބޮޑަށް ލޯހުޅުވުނެވެ. މަސަައްކަތް ކުރުމާއެކު ބަޖެޓު ބެލެހުއްޓުމާއި ލިބޭ ސޭލްސް އިން ހަރަދު ކަނޑައި ސާފު ފައިދާއަކީ ކޮބައިތޯ ދެނެގަންނަން ދަސްވި އެވެ.

ކުޑަކުޑަ މި ދެ ވިޔަފާރިވެރިންނަށް ފުލްޓައިމްކޮށް ވަގުތު ދެވޭކަށް އަދި ނެތެވެ. އެކުދިންގެ އެކުދިން މަސައްކަތް އޮންނަނީ ޕާޓްޓައިމްކޮށެވެ.

"އެހެން ނަމަވެސް ކެއްކުމާއި، ފުޅިއަށް އަޅާ ޕެކޭޖް ކުރުމަކީ އެ ކުދިންގެ މަސައްކަތެއް. އޯޑަރު ނަގަނީ ދުރާލާ ބުނުމުން. ފާމެންޓް ކޮށްގެން ހަދާ އެއްޗަކަށްވާތީ ވަގުތު ނަގާ ހަދަން. ކޮންމެ ދުވަހަކު ވެސް އޯޑަރު ލިބޭ. އަދި ކޮންމެ ބެޗެއް ރަހަ ބަލައިގެން ކޮލިޓީ ޓެސްޓް ކޮށްފައި ކަސްޓަމަރާއި ހިސާބަށް ދަނީ. ފުޅިތަކަކީ ކޮން އިރެއްގައި ހެދި އެއްޗެއްތޯ ބެލުމަށް ތާރީހު ޖެހުމާއެކު ރަނގަޅަށް ލޭބަލް ކުރުން އޮވޭ،"

ހަމަ މިގޮތަށް ގޭގައި ޔޯގަޓް ހަދަން ވެސް އަޔާން އާއި އުމެއިރު ދަސްކުރި އެވެ. ކުކުޅުމަސް ކިޔޯ ކޮށްގެން ހޭމް ހެދި އެވެ. ނަމަވެސް، ސްކޫލް ކުދިންނަށްވާތީ ކިޔެވުމާއި އެހެން ކަންތައް އޮންނާނެތީ އެކުދިންގެ ވަގުތު މެނޭޖް ކުރުން މުހިއްމު ވެއެވެ. އެހެންކަމުން ވިޔަފާރި އަކަށް ބަލައިގެން އެތަކެތި އުފެއްދުމެއް އަދި ނެތެވެ.

"ވަރަށް އެކްސައިޓްވެ އުފަލުން ތިބެނީ މީހުންގެ ފީޑްބެކް ލިބުމުން. މިހާރު ވަރަށް ގިނަ ރިޕީޓް ކަސްޓަމާސް އެބަތިބި. މި ކަމަށް ހުރި މި ޝައުގާއިއެކު މި މަސައްކަތް އަދި ޖިންޖާ ބިޔަރުގެ ކޮލިޓީ ރަނގަޅު ކުރުމަށް އިތުރު ސާމާނު ތަކެއް ހޯދުމުގެ ވިސްނުމެއް އެބައޮތް. އަދި ލިބޭ ފައިސާ ކޭޝްގެ ގޮތުގައި އެކުދިން އަމިއްލައަށް މެނޭޖް ކުރަން ހުރުމަކީ ވެސް މަސައްކަތްކުރުމަށް ލިބޭ ހިއްވަރެއް"

މިހާ ޅަ އުމުރުގައި އަމިއްލަ އުފެއްދުމަކަށް ގިނަ ބަޔަކަށް ކަމުގޮސްފައިވާތީ އަޔާން އާއި އުމެއިރު ތިބީ އުފަލުންނެވެ.