ނިއު ޒިލެންޑްގައި ދާދިފަހުން އޮތް ފިލް މެކްލީންސް ކިޔާ މީހެއްގެ ޖަނާޒާއަށް އޭނާގެ ސަންދޯއް ގެންދިޔަ ވަގުތު އެ ތަނަށް ޖަމާވެފައިވާ އެތައް ސަތޭކަ ބަޔަކަށް ހުނުމުގެ އަޑުން މުޅި ތަން ގުގުމާލި އެވެ. ޖަނާޒާތަކުގައި އާންމުކޮށް ފެންނާނީ މީހުން ރޯ ތަނެވެ. ނަމަވެސް މި ޖަނާޒާގައި ކުއްލިއަކަށް އެންމެންނަށް ބޭ އިހުތިޔާރުގައި ހެވުނީ ކީއްވެ ހެއްޔެވެ؟ އެއީ ޖަނާޒާގެ ބައިވެރިންނަށް ހެވުނީ ސަންދޯއް ތައްޔާރުކޮށްފައި ހުރީ ބޮޑު ކްރީމް ޑޯނަޓެއްގެ ސިފައިގައި ކަމަށް ވީތީ އެވެ.
ފިލްގެ ހުވަފަތް އަނބިމީހާ ޑެބްރާ ބުނާ ގޮތުގައި ފިލް މަރުވެގެން ޖަނާޒާ ބޭއްވުމާ ދެމެދު ފާއިތުވީ ދުވަސްތަކުގައި އެންމެން ވަނީ ހިތާމައިން ފޯވެފަ އެވެ. އެހެންވެ އެންމެ ފަހު ވަގުތު ސަންދޯކުގެ ޑިޒައިން ތަފާތު ކޮށްލުމުން އެންމެންގެ މޫނަށް ވެސް ހިނިތުންވުން ވެރިވި އެވެ. އަދި ދެން ގިނަ ބަޔަކު ހަނދާން ހުންނާތީ ސަންދޯއް ހުރި ސިފަ ކަމަށް ޑެބްރާ ބުންޏެވެ. މި ސަންދޯކަކީ ފިލްގެ ދެބެންގެ ދެދަރި ރޮސް ހޯލް މިހާރު ކުރަމުންދާ ވިޔަފާރި އެކެވެ. އެކި ކުލަ ކުލައިގައި އެކި ކަހަލަ އެއްޗެތީގެ ސިފައިގައި ސަންދޯއް ތައްޔާރުކޮށް ވިއްކުމުގެ ވިޔަފާރި އެވެ.
ހޯލް މީގެ ކުރިން ތައްޔާރު ކުރި ބައެއް ސަންދޯއް ހުރީ ކަނޑުގައި ދުއްވާ ބޯޓެއްގެ ސިފައިގަ އެވެ. އަދި ފަޔާ ޓްރަކެއް ގޮތަށް ވެސް އޭނާ ސަންދޯއް ތައްޔާރު ކޮށްފައި ވެއެވެ. ޗޮކްލެޓެއް ގޮތަށް ބައެއް ސަންދޯއް ތައްޔާރުކުރިއިރު ލެގޯ ބްލޮކްސް ގޮތަށް ވެސް ސަންދޯއް ތައްޔާރު ކޮށްފައި ވެއެވެ. ބައެއް ސަންދޯކުގައި ފޭކް ގަހަނާ ހަރުކޮށް ވަރަށް ވިދާ ބަބުޅާ ގޮތަށް ވެސް ތައްޔާރު ކުރި އެވެ. އަނެއް ބައި ސަންދޯކުގައި މަރުވި މީހާގެ ފޭވަރިޓް ކޮންމެވެސް ތަނެއްގެ ފޮޓޯ ތަތްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ބީޗާއި ހޮލިޑޭ ސްޕޮޓްސް ހިމެނެ އެވެ.
ހޯލް ބުނި ގޮތުގައި އެގޮތަށް ސަންދޯއްތައް ޑިޒައިންކުރުމުގެ ހިޔާލު އައިސް އެ މަސައްކަތް ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އެއީ އޭނާގެ އަމިއްލަ ވަސިއްޔަތް ލިޔެ މަރަށް ތައްޔާރުވާން ލިޔުމެއް ލިޔުނު އިރެއްގައި އައި ޚިޔާލެކެވެ.
"އަހަރެން މަރުވެގެން ދާން ބޭނުންވަނީ ކިހިނެއްތޯ އަހަރެން އޭރު ވިސްނާލިން. އެހެން މީހުން ދާގޮތަކަށް ނޫން ހަމަ ޔަގީނުން ވެސް އަހަރެން ދާން ބޭނުންވީ. އެހެންވެ އަހަރެންގެ ސަންދޯއް ހުންނަން ޖެހޭނީ ރަތްކުލައިގައި ކަމަށާއި އޭގެ ބޭރުން އަލިފާން ރޯވެފައި ހުންނަ ކަހަލަ މަންޒަރެއް ހުންނަން ޖެހޭނެކަމަށް ނިންމިން،" ހޯލް ބުންޏެވެ.
ހޯލް އަކީ ގްރެފިކް މަސައްކަތް ކުރާ ކުންފުންޏެއް ހިންގާ މީހެކެވެ. އޭނާ ސީރިއަސްކޮށް ޑިޒައިން ސަންދޯކުގެ ވިޔަފާރިއެއް ފަށަން ވިސްނީ އަމިއްލަ ވަސިއްޔަތް ލިޔުނުތާ ހައެއްކަ މަސް ފަހުންނެވެ. މިހާރު ހޯލުގެ ވިޔަފާރި ވަނީ ވަރަށް ވައިގައި ހިފާފަ އެވެ. އާއިލާއެއްގެ މީހަކު މަރުވެއްޖެނަމަ އެމީހަކު އެންމެ ހިތްއެދޭ ޑިޒައިނެއްގެ ކުލަގަދަ ސަންދޯކެއްގައި އޭނާގެ ޖަނާޒާގެ ކަންކަންކުރިޔަށް ގެންދަން މިހާރު ނިއު ޒިލެންޑްގެ ބައެއް އާއިލާތަކުން ބޭނުންވެ އެވެ. އެ މީހާ މަރުވުމަށްފަހު ހިތާމަކުރުމުގެ ބަދަލުގައި އުފަލާއެކު އޭނާއަށް އަލްވަދާއު ކިޔަން ޖެހޭނެކަމަށް ގަބޫލުކުރާ މީހުންނެވެ.
މިގޮތަށް ކުލަގަދަ ސަންދޯކުގައި ފިރިމީހާއަށް އަލްވަދާއު ކީ އެކަކީ ޑެބްރާ މެކްލީން އެވެ. އުމުރުން 68 އަހަރުގައި އޭނާގެ ފިރިމީހާ މަރުވީ މިދިޔަ ފެބްރުއަރީ މަހު އެވެ. ފިރިމީހާގެ އެންމެ ފޭވަރިޓް ކެއުމަކީ ކްރީމް ޑޯނަޓްސް ކަމަށް ވާތީ ސަންދޯއް ވެސް ކްރީމް ޑޯނަޓެއްގެ ސިފައިގައި ތައްޔާރުކުރަން ޑެބްރާ ނިންމީ އެވެ.