ލައިފްސްޓައިލް

ރަޝިޔާ މީހާއަށް ހަމަލަދިން މިޔަރު މަމީއަކަށް ހަދާފަ ދާރުލްއާސާރަށް ލަނީ

މިސުރުގެ މަޝްހޫރު ރިސޯޓެއްގައި މޫދުގައި ފަތަން އޮތް ރަޝިޔާ މީހަކަށް ހަމަލަދީ ދިރިދިރިއޮއްވާ ކާލި މިޔަރު މިހާރު އޮތީ ހިފައި، މަރާލައި މިސުރުގެ ލެބޯޓްރީއެއްގައި ބާއްވާފަ އެވެ. އަދި އެ ގައުމުގެ މިއުޒިއަމް ސްޕެޝަލިސްޓުން މިހާރު ގެންދަނީ މި މިޔަރު ޒަމާން ތަކަކަށް ހަލާނުކުވެ އޮންނާނެ ގޮތް ނުވަތަ މަމީއަކަށް ހަދައި ދާރުލްއާސާރުގައި ޑިސްޕްލޭ ކުރަން ތައްޔާރުވަމުންނެވެ.

މިސުރުގެ އިންސްޓިޓިއުޓް އޮފް މެރިން ސައިންސަސް އެންޑް ދަ ރެޑް ސީ ރިޒާވްސްގެ ސްޕެޝަލިސްޓުން މިސޮރު ކުނިނުވެ އެތައް ޒަމާނެއް ވަންދެން ހުންނާނެ ގޮތް ނުވަތަ އެމްބާމް ކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އަލް އަރަބިޔާ ނޫހުން ބުނެފައި ވެއެވެ.

އެމްބާމްކުރުމުގެ މަރުހަލާ ނިމުމުން މި މިޔަރު މިސުރުގެ ދާރުލްއާސާރުގައި އެންމެންނަށް ފެންނަ ގޮތަށް ބަހައްޓާނެ އެވެ.

މި މިޔަރު ހަމަލާދީ ކާލި ރަޝިޔާ މީހާ ވްލަޑިމިރް ޕޮޕޯވްގެ ހަށިގަނޑުގެ ބައިތައް މި މިޔަރުގެ ބަނޑުތެރޭން ފެނިފައި ވެއެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ ހަމަލައިގައި މަރުވި މީހާ ކާލީ މި މިޔަރުކަން ވަނީ ޔަގީންވެފަ އެވެ.

މިޔަރު އެމީހާއަށް ހަމަލާދޭ މަންޒަރާއި އޭނާ ކާލާ ތަނާއި އެމީހާ އެހީއަށް އެދި އާދޭސްކޮށް ހަޅޭއްލަވަމުންދިޔަ ބިރުވެރި މަންޒަރު ފެންނަ ވަރަށް ގިނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.

މިއުޒިއަމްގެ ސްޕެޝަލިސްޓުން މިޔަރުގެ ބަނޑު ފަޅާލުމަށްފަހު ނަގާފައިވާ ޕޮޕޯވްގެ ހަށިގަނޑުގެ ބައިތަކުގެ ތެރޭގައި އޭނާގެ ބޮލާއި މެޔާއި ދެ އަތް ހިމެނެ އެވެ. މިމީހާގެ ހަށިގަނޑުން މިޔަރަށް ކާނުލެވި އޮތްބައި މަސްވެރިންގެ ބަޔަކަށް ކަނޑުމަތިން ފެނިފައި ވެއެވެ.

މިޔަރަށް ޕޮޕޯވްގެ ހަށިގަނޑު އެއްކޮށް ކައި ނުލެވުނީ ޕޮޕޯވް އަށް އެހީވުމަށް އެތަނަށް ދިޔަ މަސްވެރިންތައް އެސޮރަށް ހަމަލާ ދޭން ފެށުމުން ސަލާމަތްވާން އުޅެން ހަދައިގެންނެވެ. އެ މަސްވެރިންތައް ވަނީ މިޔަރު ފަހާ ގޮސް އެސޮރު އަތުލައިގަނެ އެއްގަމަށް އަރުވާފަ އެވެ.

އޮފިޝަލުން އުންމީދުކުރަނީ ގޮނޑުދޮށްތަކަށް އެރޭ މީހުން މިޔަރުގެ ހަމަލާއިން ސަލާމަތްކުރާނެ ޕްލޭނެއް، މި މިޔަރު އެނަލައިޒްކޮށްގެން ތައްޔާރުކުރުމަށެވެ.

ރެޑް ސީގެ ގަވަރުނަރު މޭޖާ ޖެނެރަލް އަމްރު ހަނަފީ ވިދާޅުވި ކަމަށް އަލް އަރަބިޔާގައި ލިޔެފައިވާ ގޮތުގައި ބައެއް ގޮނޑުދޮށްތަކާއި ހޮޓަލުތައް އަދި ޓޫރިސްޓް އަވަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ދާޖަހާ މިޔަރު ފަދަ މަސްތަކަށް މީހުން މޫދަށް އެރޭ ސަރަހައްދަށް ނާދެވޭގޮތް ހެދުމުގެ މަޝްވަރާ ތައް ވެސް ކުރިޔަށް އެބަދެ އެވެ.

މިސުރުގެ ގޮނޑުދޮށްތަކަށް އެރިގެން އުޅުނު ބައެއް މީހުންނަށް މީގެ ކުރިން ވެސް މިޔަރުގެ ހަމަލާތައް އަމާޒުވެފައި ވެއެވެ. ނަމަވެސް އެމީހުންނަށް ހަމަލާ ދިނީ ޕޮޕޯވް އަށް ހަމަލާ ދިން މިޔަރުކަމެއް ޔަގީނެއް ނޫނެވެ.