ލައިފްސްޓައިލް

މިޔަރެއް ދަރިފުޅު ކާލީ ބައްޕަ ހަދާނެގޮތް ހުސްވެފައި ހުއްޓާ

މިސުރުގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ހުރްގާދާގެ މޫދަށް އެރިގެން އުޅެނިކޮށް 23 އަހަރުގެ ޓޫރިސްޓަކަށް ބޮޑު ބިޔަ މިޔަރެއް ހަމަލަދީ ދިރިދިރިހުއްޓާ އޭނާ ކާލައިފި އެވެ.

ރަޝިޔާގެ މި ޒުވާން ފިރިހެންމީހާއަށް ހަމަލާ ދިން މަންޒަރާއި އޭނާ ކާލި މަންޒަރު އެ ވަގުތު މޫދުގައާއި ގޮނޑުދޮށުގައި ތިބި އެތައް ބަޔަކަށް ފެނުނެވެ. އަދި ބައެއް މީހުން މި މަންޒަރުތައް ވީޑީއޯކޮށް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައިވެސް ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ޓައިގާ ޝާކް ކިޔާ ވައްތަރުގެ މިޔަރުގެ ހަމަލައިގައި މަރުވީ ވްލަޑްމިރް ޕޮޕޯވް ކިޔާ މީހެކެވެ.

މިޔަރު ހަމަލާ ދިން އިރު ޕޮޕޯވް އޮތީ މޫދުގައި ފަތާށެވެ. ކައިރީގައި އޭނާގެ ލޯބިވެރިޔާ ވެސް ފަތަން އޮތެވެ. ނަސީބަކުން މިޔަރުގެ ކިބައިން ސަލާމަތްވުމަށް އޭނާ ކުރި މަސައްކަތް ވަނީ ކާމިޔާބުވެފަ އެވެ.

އެ ވަގުތު މޫދުގައި ޕޮޕޯވްއާ ވަރަށް ކައިރީގައި އޭނާގެ ބައްޕަ ވެސް ފަތަން އޮތެވެ. އެ ބައްޕަ ހަނދާނެގޮތް ހުސްވެފައި ހުއްޓާ މިޔަރު އޭނާގެ ދަރިފުޅު ކާލީ ލޯ ކުރިމަތީގަ އެވެ. މިޔަރު ހަމަލާ ދިނުމުން ޕޮޕޯވް އޭނާގެ ބައްޕައަށް ގޮވާ އަޑު ވެސް އެ ބައްޕައަށް އިވުނެވެ. އެ ބައްޕަ އެހީއަށް އެދި އެދި ގޮވާ ހަޅޭއްލަވަމުންދިޔަ އެވެ. އޭރު އޭނާގެ ދަރިފުޅު މިޔަރުގެ ހަމަލާއިން ސަލާމަތްވާން އެ ސޮރާ ހަނގުރާމަކުރަމުން ދިޔަ ތަން އެ ބައްޕައަށް ފެނުނެވެ.

މަންޒަރު ފެނުނު މީހުން ނަގާފައިވާ ވީޑިއޯ ކްލިޕްތަކުން ފެންނަނީ މީހަކު އެހީއަށް އެދި ހަޅޭއްލަވަމުންދާ ތަނެވެ. އޭރު މިޔަރު އެ މީހާގެ ގައިގައި ހިފައި ކަނޑު އަޑިއަށް ދަމާ ގެންދަން މަސައްކަތްކުރާ ތަންވެސް ވީޑީއޯގައި ފެނެ އެވެ. އެމީހާ ވަރަށް ހިތްވަރާއެކު ގޮނޑޫދޮށާ ދިމާލަށް ފަތާފައި ދާން މަސައްކަތް ކުރަމުން ދިޔައިރު އެތައް ފަހަރެއްގެ މަތިން މިޔަރު އެމީހާއަށް ހަމަލާ ދެމުން ގެންގޮސްފައި ވެއެވެ.

އެ ރިސޯޓުގެ މުވައްޒަފުން ބުނި ގޮތުގައި މިޔަރުގެ ހަމަލާ އައީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. މީހުން ސަލާމަތްކުރާ ރެސްކިއު ޓީމުގެ މީހުން އެ ވަގުތު ވަރަށް ކައިރީގައި ތިއްބެވެ. އެމީހުންނަށް މިޔަރު ފެނުމާއެކު "ޝާކް ޝާކް" އޭ ގޮވާ ހަޅޭއްލަވަން ފެށީ އެވެ. ނަމަވެސް މޫދުގައި ތިބި ރަޝިއާ މީހުންނަށް އެ ގޮވާ އެއްޗެއް ފަހުމެއް ނުވި ކަމަށް އެ މަންޒަރު ފެނުނު މީހަކާ ހަވާލާދީ ރަޝިއާ ޓީވީ ސްޓޭޝަނަކުން ބުނެފައި ވެއެވެ.

މަންޒަރު ފެނުނު އެހެން މީހަކު ބުނީ ޕޮޕޯވް އަށް މިޔަރު ހަމަލާ ދިން އިރު ޚުދު އޭނާ ވެސް ވަރަށް ގާތުގައި ހުރި ކަމަށާއި ބިރުން ގޮސް އޭނާ ތުރުތުރުއަޅަން ފެށި އެވެ. އަދި މިޔަރުގެ ހަމަލާގައި މަރުވި މީހާއަށް ހަމްދަރުދީވާ ކަމަށް މަންޒަރު ފެނުނު މީހާ ބުންޏެވެ.

މިޔަރުގެ ހަމަލައިން ޕޮޕޯވް ސަލާމަތްކުރަން އެވަގުތު އެތާގައި ތިބި ރެސްކިއު ޓީމުގެ މީހުންނާއި ކައިރީގައި އޮތް ރިސޯޓެއްގެ މުވައްޒަފުން އަދި އެ ވަގުތު ގޮނޑުދޮށުގައި ތިބި އެތައް ބަޔަކު މަސައްކަތްކުރި އެވެ. ނަމަވެސް އެ އެންމެން ކުރި މަސައްކަތް ނާކާމިޔާބުވެ ކުޑަ ހިނދުކޮޅެއް ތެރޭ މިޔަރު ވަނީ ޕޮޕޯވް ކާލާފަ އެވެ.

މިސުރުގެ އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިހާރު މި ޓައިގާ ޝާކް ވަނީ ހިފާ މަރާލާފަ އެވެ. އަދި ތަހުގީގުކުރުމަށް މިސޮރު މިހާރު އޮތީ މިސުރުގެ ލެބޯޓްރީއެއްގަ އެވެ.