ލައިފްސްޓައިލް

އާއިލާއަށް ނޭނގި ގޯއާއަށް ދިޔަ ދެ ލޯބިވެރިން ގެނބިގެން މަރު

ލޯބިވެރިންގެ ދުވަސް ފާހަގަކުރަން އިންޑިއާގެ ގޯއާއަށް ދިޔަ ދެ ލޯބިވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝް އަށް ނިސްބަތްވާ ވިބޫ ޝަރުމާ، 27، އާއި ސުޕްރިޔާ ޑުބޭ، 26، މަރުވީ އަރަބިއަން ސީ އާ ކައިރީގައި އޮންނަ ބީޗެއްގެ މޫދަށް އެރި އުޅެނިކޮށެވެ.

ވިބޫ އާއި ސުޕްރިޔާ އަކީ ދެ ލޯބިވެރިންގެ އިތުރުން އާއިލީ ގޮތުން ވެސް ގުޅުން ހުރި ދެ މީހުންނެވެ. އެމީހުންގެ ގުޅުން އާއިލާއަށް ސިއްރުކޮށްގެން އުޅެ ގޯއާ އަށް ވެސް ދެ މީހުން ދިޔައީ އާއިލާގެ މީހުންނަށް ނޭނގި އެވެ.

ވިބޫ މަސައްކަތް ކުރަމުންދިޔައީ މުމްބާއީގެ ކުންފުންޏެއްގަ އެވެ. ސުޕްރިޔާ މަސައްކަތް ކުރަމުން ދިޔައީ ބެންގަލޫރުގަ އެވެ.

އެމީހުން މޫދަށް އެރެން ދިޔައީ ހޯމަ ދުވަހުގެ ރޭ ކަމަށާއި މޫދަށް އެރުނީ ރޭގަނޑުގެ ކެއުމަށްފަހު ކަމަށް މި ދެ މީހުން މަރުވިގޮތް ތަހުގީގުކުރަމުންދާ އިންޑިއާ ފުލުހުން ވަނީ ބުނެފަ އެވެ. އެމީހުން މޫދަށް އެރުނީ ރޭގަނޑު ކަމަށް ވެފައި އެ ހިސާބުގަނޑުގައި އެ މަންޒަރު ފެންނަ ހިސާބުގައި އެއްވެސް ބަޔަކު ނެތުމުން އެމީހުން ގެނބިގެން މަރުވި ކަމެއް އެކަކަށް ވެސް ނޭނގެ އެވެ.

މިކަން އެނގުނީ އަނެއް ދުވަހުގެ ހެނދުނު 7.00 ހާއިރު ސުޕްރިޔާގެ މަރުވެފައިވާ ހަށިގަނޑު ގޮނޑުދޮށަށް ލެއްގީމަ އެވެ. އެ ވަގުތުން ފެށިގެން ވިބޫ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ލައްގާފައި އޮއްވާ ފެނުނީ މެންދުރުފަސްވީ ފަހުންނެވެ.

ސުޕްރިޔާގެ ހަށިގަނޑު ފެނުނަސް އެއީ ކާކުގެ ހަށިގަނޑެއް ކަމެއް ފުލުހުންނަށް ފުރަތަމަ ނޭނގުނެވެ. އެއީ ސުޕްރިޔާ ކަން އެނގުނީ ގޮނޑުދޮށުގައި ބާއްވާފައި އޮތް ފޯނެއް ސުޕްރިޔާގެ ފިންގަޕްރިންޓް ޖަހައިގެން ހުޅުވުމުން އޭގައި ހުރި މައުލޫމާތުގެ އަލީގަ އެވެ.

ފުލުހުން ބުނި ގޮތުގައި ބޮޑަށް ބެލެވެނީ ފުރަތަމަ ގެނބުނީ ސުޕްރިޔާ ކަމަށެވެ. ވިބޫ މަރުވީ ސުޕްރިޔާ ސަލާމަތްކުރަން އުޅެނިކޮށް ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.