ލައިފްސްޓައިލް

ޖޯޑަން މީހަކަށް "މަރުވި" މަންމައާ 44 އަހަރު ފަހުން ބައްދަލުވެއްޖެ

ސޯޝަލް މީޑީއާ އަކީ މިހާރު ވަރަށް ގިނަ ބަޔެއްގެ ދިރިއުޅުމުގެ އެއް ބަޔަށް ވަނީ ވެފަ އެވެ. އާއިލާގެ މީހުންނާއި އެކުވެރިންނާ އަބަދުވެސް ގުޅިފައި ހުރުމުގެ އިތުރުން ދުނިޔޭގައި ވާ ކަންތައްތައް ވަގުތުން ވަގުތަށް އެނގުމުގެ މެދުވެރިޔަކަށް ވަނީ ހަމަ ސޯޝަލް މީޑީއާ އެވެ. އަދި ގެއްލިފައި ގިނަ ޒަމާންވީ އާއިލާގެ މީހުންނާއި އެކުވެރިންނާ ބައްދަލުވުމުގެ ފުރުސަތު ސޯޝަލް މީޑީއާ މެދުވެރިކޮށް ލިބި އެ ވާހަކަތައް ވެސް ވަރަށް ގިނައިން މިހާރު އަޑު އިވެމުން ދެއެވެ. ހަމަ އިންޓަނެޓު މެދުވެރިކޮށެވެ. މިފަހަރުވެސް މިއީ ހަމަ އެފަދަ ވާހަކަ އެކެވެ. ދަރިއަކަށް އޭނާގެ "މަރުވެފައިވާ" މަންމައާ 44 އަހަރުފަހުން ބައްދަލުވީ ވާހަކަ އެވެ.

ވިސާމް މުހައްމަދު އުފަންވީ ޖޯޑަން ގައެވެ. އޭނާގެ މަންމައަކީ މިސްރު މީހެކެވެ. ބައްޕައަކީ ޖޯޑަން މީހެކެވެ. ވިސާމް އުފަންވީ އިރުވެސް އޭނާގެ މަންމަ އާއި ބައްޕަގެ ވަރީގެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔަ އެވެ. އަދި އޭނާ އުފަންވިތާ އެންމެ ދެ ހަފުތާ ތެރޭ އެ ދެ މީހުން ރަސްމީކޮށް ވަރިވި އެވެ.

ހޮސްޕިޓަލުގައި ވިސާމް އުފަން ވީއްސުރެ އޮތީ ވަރަށް ބަލިކޮށެވެ. އެހެންވެ ވިސާމްގެ ބައްޕަ އޭނާގެ މަންމައަށް އޮޅުވާލާއި ވިސާމް މަރުވެއްޖެ ކަމަށް އޭނާ ކައިރީ ބުންޏެވެ. އެހެންވެ ވަރި ފައިނަލްވުމުން ވިސާމްގެ މަންމަ މިސްރަށް އެނބުރި ދިޔައީ އެވެ. އޭނާ ވިހޭ ދަރިފުޅު މަރުވީ ކަމަށް ގަބޫލު ކުރެވިގެންނެވެ.

ސީބީއެސް އަށް ދިން އިންޓަވިއުއެއްގައި ވިސާމް ބުނީ އޭނާ ކުޑައިރުއްސުރެ އުޅެ ބޮޑުވީ މަންމަގެ ވަރަށް ކުޑަކުޑަ މައުލޫމާތެއް ނޫނީ ނޭނގި އެވެ. އެހެންވެ އޭނާ ވެސް ހީކޮށްގެން ހުރީ މަންމަ މަރުވީ ކަމަށެވެ. ނަމަވެސް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވިސާމްގެ ގާނޫނީ ވަކީލުން އޭނާގެ މަންމަގެ މަރު ސެޓްފިކެޓް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން މަންމަ ދުނިޔޭގައި ހުރެދާނެ ކަމަށް އޭނާގެ ހިތަށް އެރި އެވެ. އަދި ވިސާމް މިސްރަށް ދަތުރުތަކެއް ކޮށް އޭނާގެ މަންމަ ހޯދަން މަސައްކަތް ވެސް ކުރި އެވެ. އެކަމަކު ހުރިހާ ފަހަރަކުވެސް އޭނާއަށް ކުރިމަތިވީ ނާކާމިޔާބެވެ.

ވިސާމްގެ އުމުރުން 44 އަހަރު ފުރުނު ފަހުން ޖޯޑަންގައި ދިރިއުޅޭ އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތައަކަށް ވިސާމްގެ މަންމަގެ ޅައިރުގެ ބައެއް ފޮޓޯތައް ލިބޭ ގޮތް ވިއެވެ. އަދި އެ ފޮޓޯތައް އޭނާގެ ބޮޑުދައިތަ "މިސިން ޗިލްރަން" ކިޔާ ފޭސްބުކް ގްރޫޕެއްގައި ޝެއާ ކޮށް ވިސާމްގެ މަންމަގެ މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ ހިއްސާ ކުރަން އެދުނެވެ.

މި ފޭސްބުކް ޕޭޖްގެ ފައުންޑާ ރާމީ އަލް-ގަބީލީ ޝެއާކުރި މި ޕޯސްޓުގައި ވިސާމްގެ ފޮޓޯއެއް ވެސް ޖަހާފައިވެ އެވެ. އަދި ވިސާމްގެ މަންމަގެ ޅައިރުގެ ފޮޓޯތައް ވެސް ޕޯސްޓްކޮށް ވިސާމް އޭނާގެ މިސްރު މަންމަ ހޯދަން ބޭނުންވެގެން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ލިޔުނެވެ.

މި ޕޯސްޓް ފޭސްބުކްގައި ޝެއާކުރީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން 24 ގަޑިއެއްހާއިރު ތެރޭގައި ވިސާމްގެ މަންމަ ވަނީ ހޯދިފަ އެވެ. ވިސާމް ވަގުތުން މިސްރަށް ދަތުރުކޮށް އޭނާގެ މަންމަ އާ ބައްދަލުކުރި އެވެ.