ލައިފްސްޓައިލް

އާއިލާގެ ތިން މީހަކު އެއް ދުވަހަކު މަރުވި އަޖައިބު އިއްތިފާގު

މިސުރުގެ އެއް އާއިލާއެއްގެ ތިން މީހުން އެއް ދުވަހެއްގެ ގާތްގަނޑަކަށް އެއް ވަގުތެއްގައި ވަރަށް އަޖައިބު ގޮތަކަށް މަރުވެއްޖެ އެވެ. މި އާއިލާއިން މަރުވީ 90 އަހަރުގެ މާމަ އަކާއި 64 އަހަރުގެ ބައްޕައެއް އަދި އޭނާގެ 33 އަހަރުގެ އަންހެން ދަރިފުޅެވެ.

އަލް ނަޚާސް އަވަށުގައި މިދިޔަ ހުކުރު ދުވަހު މި ތިން މީހުން މަރުވީ އެ ދުވަހުގެ އެކި ގަޑި ގަޑީގަ އެވެ.

އާއިލާގެ އަންހެން ދަރި ރުބާބް ސަބްރީ މަރުވީ ގުދުރަތީ މަރަކުންނެވެ. އޭނާއަކީ ކުރިން ވެސް ތަފާތު ސިއްހީ ބޮޑެތި މައްސަލަތަކެއް ހުންނަ މީހެކެވެ. ރުބާބް މަރުވެގެން އޭނާގެ ކަށުނަމާދު އިމާމުވެ ކުރީ އޭނާގެ ބައްޕަ ސަބްރީ އެވެ. ސަބްރީ ހޭނެތިގެން ވެއްޓުނީ ދަރިފުޅުގެ މައްޗަށް ކަށު ނަމާދު ކުރަން ހުއްޓަ އެވެ.

ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ޑޮކްޓަރުން ބަލާފައި އޭނާ މަރުވެފައިވާ ކަމަށް ބުންޏެވެ. އަދި ސަބްރީ މަރުވީ ދަރިފުޅު މަރުވުމުގެ ހިތާމައިގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.

މާމަ ދަރިފުޅު މަރުވުމުން ސަބްރީގެ މައިދައިތަ ވެސް ހުރީ އެ ދުވަހު ވަރަށް ހިތްދަތިވެފަ އެވެ. އެހެންހުއްޓާ އަނެއްކާ ދަނބިދަރިފުޅު މަރުވުމުން ލިބުނު ހިތާމަ އިތުރުވެގެން ދިޔަ އެވެ. އެހެންވެ އޭނާ ވެސް ހަމަ އެ ދުވަހު ކުއްލި ގޮތަކަށް ވަނީ މަރުވެފަ އެވެ.

މި ތިން މީހުން ވެސް މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް އެ އަވަށުގެ މީހުން ވާހަކަ ދައްކާ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް މަރުވި މީހުންގެ ތިމާގެ މީހުން ބުނަނީ ތިން މީހުން ވެސް މަރުވީ ގުދުރަތީ މަރަކުން ހަމަ ކުއްލިއަކަށް ކަމަށެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިސުރުގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި ރުބާބުއަކީ ހަކުރުބަލި ހުންނަ މީހެކެވެ. ހުކުރު ދުވަހު ހެނދުނު އޭނާ ޑައިބެޓިކް ކޯމާއަކަށް ދިޔައީ އެވެ. އޭނާގެ ގައިގައި ކޮވިޑް ހުރެދާނެތީ އާއިލާގެ މީހުން އޭނާއާ ކައިރިވާން ނުކެރި ހޮސްޕިޓަލަށް ގެންދިއުން ލަސްވި ކަމަށާއި ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ދިންމީހާ ބުނެފައި ވެއެވެ.