ލައިފްސްޓައިލް

ގެނބުނު ދަރިފުޅު ސަލާމަތްކުރަން އުޅުމުގެ ތެރޭ މައިންބަފައިން މަރު

މޫދަށް އެރި އުޅެނިކޮށް ގެނބުނު 13 އަހަރުގެ ދަރިފުޅު ސަލާމަތްކުރަން މޫދަށް ފުންމާލި ބްރެޒީލް ދެމަފިރިން ގެނބިގެން މަރުވެއްޖެ އެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. ބްރެޒީލްގެ ޕަރައިބާ ސްޓޭޓްގެ ޖައާއޯ ޕެސާއޯ ސްޓޭޓުގައި ދިރިއުޅޭ ފެލިސްބާޓޯ ސެމްޕާއިއޯ، 43، އާއި އޭނާގެ އަންހެނުން އިނަލްޑާ ސެމްޕާއިއޯ، 42، އެމީހުންގެ ދަރިފުޅު ގޮވައިގެން ކަމަކާރީ ބީޗަށް ދިޔައީ ހިތްއުފާކޮށްލާށެވެ.

ބީޗަށް ދިއުމަށްފަހު އެމީހުންގެ ދަރިފުޅު ސާފްކުރަން އުޅުނެވެ. އެހެން އުޅުމުގެ ތެރޭގައި ދަރިފުޅު ގެނބޭތަން ގޮނޑުދޮށުގައި ތިބި މި ދެމަފިރިންނަށް ފެނުނެވެ. އެ ދުވަހަކީ ރާޅު ވަރަށް ބޮޑު ދުވަހެކެވެ. ނަމަވެސް ރާޅަކަށް ބެލުމެއް ނެތި ދެމަފިރިން މޫދަށް ފުންމާލައިގެން ދަރިފުޅު ސަލާމަތް ކުރަން ފަތަނިކޮށް ގެނބިގެން މަރުވީ އެވެ.

އެމީހުންގެ ދަރިފުޅު ސަލާމަތްކުރީ އެހިސާބުގައި މަސްވެރިކަން ކުރަން އުޅުނު މަސްވެރިއަކާއި އެމީހުންގެ އާއިލާގެ މީހަކު ކުރި މަސައްކަތުންނެވެ.

އިމަޖެންސީ ސާވިސް އަށް ގުޅައިގެން އެމީހުން އައިސް ގެނބިފައިވާ ދެމަފިރިން ނަގައިގެން އެމީހުންގެ ފުރާނަ ސަލާމަތްކުރަން ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ދެމަފިރިން ވެސް ވީ މަރެވެ.

ދެމަފިރިންގެ ދަރިފުޅަށް ވެސް ލޮނުބޮވި ސިއްހީ މައްސަލަތައް ކުރިމަތިވެފައި ވިޔަސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން އެ ކުއްޖާ ވަނީ މުޅީން ރަނގަޅުވެގެން ގެއަށް ދޫކޮށްލާފަ އެވެ.

ބްރެޒީލްގައި މިދިޔަ މަހު ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ފަހަރު އެ ގައުމުގެ ބީޗަކަށް މޫދަށް އެރި އުޅުނު ކުއްޖަކު ގެނބިގެން އޭނާގެ ބައްޕަ އޭނާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.