ލައިފްސްޓައިލް

މަރުނުވަނީސް ފަސްގަޑިއިރު ގަބުރުކޮށާރުގައި ބޭއްވުމުން މަރުވެއްޖެ

ބްރެޒީލްގެ މީހަކު މަރުވިކަމަށް އެ ގައުމުގެ ހޮސްޕިޓަލަކުން ނިންމައި ބޮޑީބޭގަށް ލިއެވެ. އަދި ގަބުރު ބަހައްޓާ ފިނިކޮށާރަކަށް ލާފައި އޮއްވާ އޭނާ މަރުނުވާ ކަމާއި ނޭވާ ލާކަން އެތާ ތިބި މީހުންނަށް ޔަގީންވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލުގައި އޮންނަތާ ދެ ދުވަސް ފަހުން އެމީހާ ވަނީ އަސްލުވެސް މަރުވެފަ އެވެ. އޭނާ މަރުވީ އަސްލު އޭނާއަށް ޖެހުނު ބަލީގައެއް ނޫނެވެ. ގަބުރު ބަހައްޓާފައި ހުންނަ ފިނި ފްރިޖްގެ ތެރޭގައި ގިނައިރު އޮތުމުގެ ސަބަބުން ހަށިގަނޑު ފިނިވެގެން ގޮސް ހައިޕޮތާމިއާ ޖެހިގެންނެވެ.

ޖޯސް ރިބޭރޯ ހޮސްޕިޓަލުގައި ފުރަތަމަ އެޑްމިޓް ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭނާގެ ދުލަށް ކެންސަރު ޖެހި ވަރަށް މަތީ ސްޓޭޖެއްގައި ހުރުމުން އޭރުއްސުރެ އޭނާއަށް ފަރުވާ ކުރަމުން ދިޔަ އެވެ. އަދި ނޮވެމްބަރު 29 ވަނަ ދުވަހު އޭނާ މަރުވީކަމަށް ނިންމައި ޑޮކްޓަރުން ސެޓްފިކެޓް ދިނެވެ. އަދި 62 އަހަރުގެ މި މީހާ ބޮޑީބޭގަކަށް ލައި މޯގްގައި ހުރި ފްރިޖެއްގައި ބޭއްވިއެވެ.

ޖަނާޒާގެ ކަންތައްތައް ކުރާ ތަނަށް (ފިއުނެރަލް ހޯމް އަށް) މިމީހާ ގެންދިޔައީ މޯގްގައި ހުރި ފްރިޖްގައި ފަސް ގަޑިއިރު ބޭއްވުމަށް ފަހުގަ އެވެ. އެމީހާ މަރުނުވާ ކަމާއި ލޯ ހަރަކާތްކުރާކަން ފިއުނެރަލް ހޯމްގައި މަސައްކަތްކުރާ މީހަކަށް އެނގުނީ އެތަނަށް ގެންދިޔަ ފަހުންނެވެ.

އެމީހާ މަރުނުވާ ކަން ޔަގީންވުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާ މަރުވީ އެވެ. އޭނާ މަރުވީ ފްރިޖްގައި ބާއްވާފައި އޮތް ފަސް ގަޑިއިރު ތެރޭގައި އޭނާގެ ހަށިގަނޑު އާދަޔާހިލާފަށް ފިނިވެ ގަނޑުވުމުގެ ސަބަބުން ދިމާވި މައްސަލަތަކެއްގަ އެވެ.

ރިބޭރޯގެ މަރުގެ ސެޓްފިކެޓްގައި ސޮއިކުރި ޑޮކްޓަރު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި ޑޮކްޓަރުގެ މައްޗަށް އޭނާގެ އިހުމާލުން މީހަކު މަރުވުމުން ދައުވާ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ރިބޭރޯގެ އާއިލާއިން ބުނި ގޮތުގައި މަރު ނުވަނީސް މަރުވީކަމަށް ނިންމައި ފްރިޖްގައި އޭނާ ބާއްވާފައި އޮތް ވަގުތު އޭނާއަށް އުފުލަން ޖެހޭނެ ތަކުލީފާއި އަޅާނެ ވޭން ހިތަށް އަރާފައި އެމީހުންނަށް ވަނީ ވަރަށް އަސަރުކޮށްފަ އެވެ. އަދި ރިބޭރޯ މަރުވީ ކެންސަރު ބަލީގައި ނޫންކަމާއި ޑޮކްޓަރު އެގޮތަށް ނުނިންމިނަމަ އަދި އެތައް ދުވަހަކު ރިބޭރޯ އަށް ދުނިޔޭގައި ހުރެވިދާނެކަމުގެ އުންމީދު އޮތް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ރިބޭރޯގެ ދައްތަ އަޕަރްސިޑާ ބުނި ގޮތުގައި ފިއުނެރަލް ހޯމުން ހޮސްޕިޓަލަށް ގެންދަން ވެގެން ފުރަތަމަ ގުޅީ އޭނާއަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވާނެ އެއްޗެއް އޮތީ ވެފަ އެވެ.

"ޕްލާސްޓީކް ކޮތަޅަކަށް ލާފައި ފްރިޖެއްގައި ފަސް ގަޑިއިރު ބާއްވާއިރު މީހާއަށް ވާނެ ގޮތް ހީކޮށްލާ. މިއީ ވަރަށް ބިރުވެރި ތަޖުރިބާއެއް. އަދި މިފަދަ ކަމެއް ޑޮކްޓަރެއްގެ އިހުމާލުން ދިމާވުން ބަލައެއް ނުގަނެވޭނެ،" ރިބޭރޯގެ ދައްތަ ބުންޏެވެ.

ފުލުހުން އެންމެ ކުރިން ހީކުރީ ރިބޭރޯގެ މަރަކީ އެކްސިޑެންޓަކުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ފުލުހުން ބުނަނީ މިއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

"ބަލިމީހާ މަރުވި ސަބަބަކަށް ލިޔެފައިވަނީ ހައިޕޮތާމިއާ. ވީމާ މިއީ ޑޮކްޓަރުގެ ފަރުވާކުޑަކަމުން ވީކަމެއްކަން ޔަގީން. އެހެންވެ އަހަރެމެންގެ ތަހުގީގުވެސް މިވަނީ މިހާރު އެގޮތަށް ބަދަލުކޮށްގެން އަލުން ފަށާފައި،" ފުލުހުންގެ ބަޔާނެއްގައި ބުނެފައި ވެއެވެ.