ދިވެހިންގެ ހިތްތަކުން ވަރުގަދަ ލޯތްބަކާއި އިހުތިރާމެއް ހޯދި މަރިޔަމް ނިޝާއަކީ ދިވެހި ފިލްމީ އުދަރެހުން އަރައިގެން އައި އެންމެ އަލިގަދަ ތަރިއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާގެ އެކްޓިންގެ ހުނަރުވެރި ކަމުގެ ސަބަބުން ފިލްމީ ދާއިރާއިން ހާއްސަ މަގާމެއް ލިބުނެވެ. ޑައިރެކްޓަރުންގެ އެއް ނަންބަރު ތަރިއަކަށްވި އެވެ. ބެލުންތެރިންގެ އެންމެ މަގުބޫލު އެކްޓަރަށް ވިއެވެ.
ފިލްމު ކުޅުމާއި މުޅީން ދުރުގައި ހުރި ނިޝާ އަވަސްއަށް ދިން މި ހާއްސަ އިންޓަވިއުގައި އޭނާ ވަނީ ފިލްމީ ކެރިއަރާއި ދިރިއުޅުމުގެ އެކި ވާހަކަތައް ހިއްސާ ކޮށްފަ އެވެ. ނިޝާގެ ހަޔާތުގެ ފުރަތަމަ އަހަރު ދިރިއުޅުނީ އޭނާގެ އުފަށް ރަށް ފ. ރިނބުދޫގަ އެވެ. އެއީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. މައިލޯ ހުސްކުރި ދަޅެއްގައި ދެ ދަނޑިކޮޅުން ތަޅަމުން މުޅި ރަށުގައި ލަވަކިޔަމުން ހިނގި ހަނދާން އޭނާ މިހާރު ވެސް އާ ކުރަނީ އެ އުފާވެރި ހަނދާންތަކުން ލިބޭ ހިތްހަމަޖެހުން ބޮޑުވީމަ އެވެ. ލޯބިވާ ބައްޕަގެ ފަރާތުން ލިބުނު އެ ހަދިޔާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި ކަމެއް ވިޔަސް ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެކްޓަރަށްވާނެ ކަމަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.
"ފަހަރެއްގައި ވެސް ހިޔެއް ނުކުރަން ކުރިން ފިލްމު ކުޅެފާނެ އެކޭ،" އިންޓަވިއު ފަށަމުން ނިޝާ ބުންޏެވެ.
ފިލްމީ އުފެއްދުމަކުން ފެނިލަން ނިޝާއަށް ލިބުނު ފުރަތަމަ ފުރުސަތަކީ މަލިކު މުހައްމަދު ދިން ފުރުސަތެކެވެ. ޓީވީ މޯލްޑިވްސިން ރޯދަ މަހަށް ތައްޔާރުކޮށް ގެން އޭރު ގެނެސްދެމުންދިޔަ "މަހުރަބު" ޕްރަގްރާމަށް މުހައްމަދު ތައްޔާރު ކުރަން އުޅުނު ލަވައިގައި އޭނާ ބޭނުންވީ ނިޝާއާއެކު ފެނިލާށެވެ. މުހައްމަދު އެ ހުށައެޅުން ނިޝާއަށް ހުށައަޅާ އަދި އޭނާގެ ބައްޕަގެ ހުއްދަވެސް ހޯދި އެވެ.
އެ އަހަރުގެ ޕްރަގްރާމް އިން އެއްވަނަ އަށް ދިޔައީ ނިޝާ އާއި މަލިކު މުހައްމަދުގެ "ގެންދަންޏާ ގެންދަވާށޭ" މިލަވައެވެ. އެ ލަވަ ވައިގައި ހިފާ ނިޝާއަށް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ. އަދި އޭގެ ފަހުން ޑައިރެކްޓަރުންގެ ހުށައެޅުންތައް އޮހެން ފެށިއެވެ.
ލަވައެއް ކުޅެވުނު ނަމަވެސް ފިލްމެއް ކުޅެވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އޭރު ނިޝާއަކަށް ނެތެވެ. އެހެންވީމަ ހުށައެޅުންތަކަށް އާންބަސް ބުނަން ވަރަށް ބޮޑަށް ފަސްޖެހުނެވެ. ކެމެރާ ކުރިމައްޗަށް އެރުމުން ގަންނަ ލަދެއްގެ ބޮޑު ކަމުން ދުވަހަކުވެސް ފިލްމަކުން ފެންނާނެ ކަމަށް އުންމީދުވެސް ނުކޮށް ހުއްޓާ ލިބުނު ބޮޑު މަޝްހޫރު ކަމާއެކު އެކަމާ ކުރިމަތިލާ ގަދަ ހިތްވަރު އޭނާ ކާމިޔާބު ހޯދީއެވެ.
ނިޝާ ވަނީ އުމުރުން އެންމެ ހަތް އަހަރުގައި އެ ދުވަސްވަރު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "މުދައްރިސުންގެ ދުނިޔެ" ޕްރަގްރާމަށް އަޑުއަޅާފައެވެ. މިއީވެސް ފިލްމީ މަަސައްކަތަށް ނިކުތްއިރު ލިބުނު ވަރަށް ބޮޑު ތަޖުރިބާއަކަށްވިއެވެ.
އެންމެ ފަސޭހައީ ރީކޯ އާއި ޔޫއްޕެ
ފިލްމީ މަސައްކަތުގައި ހޭދަކުރި ދިގު މުއްދަތުގައި ނިޝާ ވަނީ ވަަރަށް ގިނަ އެކްޓަރުންނާއެކު މަސައްކަތް ކޮށްފައެވެ. އޭރުގެ އެންމެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ސޮބާހް އާއި ރީކޯ މޫސަ އަދި ޔޫއްޕެ އާއެކު ވަަރަށް ގިނަ ފިލްމުތައް ކުޅެފައިވެއެވެ.
ނިޝާ ބުނީ އެކްޓް ކުރަން އެންމެ ފަސޭހައީ ޔޫއްޕެ އާއި ރީކޯ މޫސައާއެކު ކަމަށެވެ. ޔޫއްޕެގެ އަލަތު ފިލްމު "ގުރުބާނީ" ގައިވެސް މަސައްކަތް ކުރީ ނިޝާއާއެކު އެވެ.
"އެންމެ ފަސޭހައީ ޔޫއްޕެ އާއި މޫސަ ނަމަވެސް ވަކި މީހަކާއެކު މަސައްކަތް ކުރާކަށް ވަކި އުނދަގުލެއް ނޫން،"
ނިޝާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އޭނާއަށް އެންމެ ހާއްސައީ ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އަމްޖަދު އިބްރާހިމްއާއެކު ކުރެވުނު ބައެއް މަސައްކަތްތަކެވެ. ހާއްސަކޮށް އަމްޖޭގެ "ގުރުބާނީ" އާއި ނަހުލާގެ "ނާއުންމީދު" އަދި "ލޯބިނުވެވުނު ނަމަ" އޭނާ ފާހަގަ ކުރެއެވެ.
އެ ފިލްމުތައް ބެލުންތެރިންނާއި ހަމައަށް ގެނެސް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ.
ދާއިރާ ދޫކޮށްލީ ކުދިންނަށްޓަކައި
ފިލްމީ ދާއިރާގެ އެންމެ އުހުގައި ހުރުމަށް ފަހު ކުއްލި ގޮތަކަށް ނިޝާ ފިލްމު ކުޅުން ހުއްޓާލަން ނިންމި އެވެ. އަދި ބުރުގާ އަޅާ ފިލްމީ މަސައްކަތާ ދުރަށް ދިޔައެވެ.
ނަމަވެސް ނިޝާ ބުނީ ފިލްމު ކުޅުން ހުއްޓާލުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަަމަށެވެ. އެއީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު އޭނާގެ ދަރިންގެ ހައްގުގައި އެެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދާ ދިނުމުގެ އުންމީދުުގައި ނިންމި ނިންމުމެވެ.
ފިލްމު ކުޅުން ހުއްޓާލިއިރު ނިޝާގެ ތިން ކުދިން ތިއްބެވެ. ކުޑަ ދެ ކުދިންގެ އުމުރުން ވަަރަށް ހަގެވެ. ދޮށީ ދަރިފުޅު ހުންނަނީ ނިޝާގެ މަންމަގެ ކައިރީގައެވެ. ފިލްމީ މަސައްކަތުގައި އުޅެން ޖެހުނު ބުރަ ދިރިއުޅުމުގެ ސަަބަބުން ކުދީންނަށް ދެވޭ ވަގުތު މަދުވާ ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވި އިތުރު ޕްރޮޖެކްޓްތަކުގައި ސޮއި ކުރުން ހުއްޓާލިއެވެ. އަދި ފަށާފައިވާ ޕްރޮޖެކްޓްތައް އަވަހަށް ނިންމައިދިނުމަށް ޑައިރެކްޓަރުންގެ ގާތުގައި އެދުނެވެ.
އެކަމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފަހު ބުރުގާ އަޅާ ފިލްމީ މަސައްކަތާ ދުރަށް ދިޔައެވެ. ނަމަވެސް އޭރުވެސް ނަހުލާގެ "ޒުލޭހާ" ގެ ލަވައެއްގެ ޝޫޓިން އޮތީ ނުނިމިއެވެ. އެހެންވީމަ އެ ލަވަ ޝޫޓް ކުރީ ބުރުގާ އަޅައިގެން ހުރެއެވެ.
މުހަންމާއަށް ވެގެން އުޅެނީ އެފަދަ ގޮތެކެވެ.
"މުހައްމާކަލޯ އެ އުޅެނީ ޑަންޕަރުގައި ރީކޯ މޫސާ އުޅުހެން އިނގޭތޯ. އަޅުގަނޑު ފަހަތުން ނައްޓާލަން ނޭންގިގެން ދެއްތޯ. އެއީ އަޅުގަނޑު 'ނުބުނެ ނުރުހިފަ ހުންނާތީ ނަފުރަތުންނޭ' ބުނެލާހެން އާއެކޭ ބުނެފާނެ ކަމަށް ކަންނޭނގެ އެ އުޅެނީ،" ފިލްމެއް ނުކުޅޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ދެމުން އޭނާ ބުންޏެވެ.
ސުނާމީ ކާރިސާއާއެކު ދިރިއުޅުން ބަދަލު
އެކްޓިންގެ ކެރިއަރު ދޫކޮށް ނިޝާގެ ދިރިއުޅުން ރަށަށް ބަލަދު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ސުނާމީ ކާރިސާ ކުރިމަތިވިއެވެ.
އެ ހާދިސާގައި ރިނބުދޫއަށް ވަރަށް ބޮޑަށް ރާޅުއަރާ ގެއްލުންވިއެވެ. އެތަށް ބައެއްގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބި ދިރިއުޅުމަށް ކުރި ހުރިހާ މަަސައްކަތެއްހެން ގެއްލުނެވެ. އެ ރަށުން ދެ މީހަކު މަރުވިއެވެ.
"ކިރިއާ އަޅުގަނޑުމެންނަށް [ނިޝާއާ ކުދިން] ސަލާމަތް ވެވުނީ. އަޅުގަނޑަށް ކުދިންނާއެކު އަރާ ހުރެވުނީ ގެއެއްގެ ފުރާޅު މައްޗަށް،"
ސުނާމީ ކާރިސާގެ ބިރުވެރި ހުރިހާ މަންޒަރެއްހެން ނިޝާއަށް ފެނުނެވެ. ކަނޑުން ބިޔަ ރާޅު އަރައިގެން އައި މަންޒަރާއި ކުއްލި ކުއްލިއަށް ފަޅުތެރެ ހިކި ރާޅު ބޮޑުވަމުން ދިޔަ އާދަޔާ ހިލާފު މަންޒަރެވެ. އަދި ރަށުން ދެ މީހަކު މަރުވެ ނިޝާ އުޅެމުންދިޔަ ގެ އެކުގައިހެން ފުނޑުުފުނޑުވުމުން ދިިރިއުޅުން ފ. ނިލަންދޫއަށް ބަދަލު ކުރަން ޖެހުނެވެ.
"ކަނޑުން ރާޅު އަރައިގެން އައި މަންޒަރު ފެނުނު. ވަރަށް ބިރުވެރި ކަމަކަށް އެކަންވީ. އެހެންވީމަ އެހެން ރަށަކަށް ބަދަލުވާން ލިބުނު ފުރުސަތުގައި ނިލަންދޫއަށް ބަދަލުވީ. ވަރަށް ރަނގަޅު ގެއެއްގައި ހުރީ. ނަމަވެސް އެއީ ދަތި ދިރިއުޅުމެއް،"
އެހެން ކަމުން އަނެއްކާވެސް ދިރިިއުޅުން މާލެއަށް ބަދަލުކުރީއެވެ. މިހާރު އޭނާގެ ހުރިހާ ވަގުތެެއް ހުސްކޮށްފައި ވަނީ ކުދިންނަށެވެ. އެ ކުދިންގެ ތައުލީމާއި ކުދީންގެ ފަރުވާއަށެވެ. އަދި އެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދާ ދިނުމަށެވެ.
ނިޝާގެ ހަ ކުދިން، މާމަ ކިޔައިފި
ނިޝާގެ އުމުރުން 42 އަހަރު ފުރޭނީ މި އަހަރު ކަމަށް އޭނާ ބުނެއެވެ. މިހާރު އޭނާގެ ހަ ކުދިން އެބަ ތިއްބެވެ. އެންމެ ދޮށީ ދަރިފުޅަށް ކުއްޖަކު ލިބި މާމަވެސް ކިޔައިފި އެވެ.
ނިޝާގެ އެންމެ ހަނގު ދަރިފުޅަށް އަދިވީ 10 މަހެވެ. އޭގެ ކުރިން ލިބުނު ދަރިފުޅު މިހާރު އުމުރުން ހަތަރު އަަހަރު ކަައިސްއަކީ ހިތުގައި 37 އެމްއެމްގެ އޭއެސްޑީއެއް ހުރި ބީޓާ ތެލެސީމިއާ މޭޖާއެކެވެ. އޭގެ ފަހުން ކުއްޖަކު ހޯދުމުން ވަރަށް ގިނަ މީހުން އެ ސުވާލު ނިޝާއާ ކުރެއެވެ. ނިޝާ ބުނީ އަވަސްގެ މި އިންޓަވިއުން އެކަން ސާފުކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ. އަދި އެ ފަހުން ދެން އެ ސުވާލު ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ނިޝާގެ ދޮށީ ކުދިންތަކެއް ތިބި ނަމަވެސް އިތުރު ކުއްޖަކު ހޯދީ ކައިސްގެ ބޯންމެރޯއަށްޓަކައެވެ. އެހެން ކުއްޖަކާ ބޯމެރޯ މެޗް ނުވީމައެވެ. އޮޕަރޭޝަނަށްފަހު ކައިސްގެ ހާލަތު ރަނގަޅުވެ އޭގެ ފަހުން ބޯންމެރޯ ހެދި އާދައިގެ ދިރިއުޅުމެއް ދެ ކުދިންނަށްވެސް ލިބޭނެ ގޮތް ވުމަކީ ނިޝާގެ އެންމެ ބޮޑު އުންމީދެކެވެ.
އެންްމެ ބޭނުންވީ ޓީޗަރަކަށްވާން
އެކްޓިންގެ ދާއިރާއިން ކިތަންމެ އުހަށް ދެވުނު ނަމަވެސް ނިޝާގެ ހަގީގީ އުންމީދުގައި ކުލަ ޖެހޭ ގޮތެއް ނުވިއެވެ. އޭނާ އެންމެ ބޭނުންވީ ޓީޗަރަކަށް ވާށެވެ. ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ނިޝާގެ އެންމެ ބޮޑު ހުވަފެނަކީ ދަރިވަރުން ލޯބިވާ ޓީޗަރަކަށް ވުމެވެ.
އެ އުންމީދުގައި ކުލަ ނުޖެހި އޮތަސް އޭނާ ހިތްހަމަ ޖެހުން ހޯދަނީ އެކްޓިންގެ ދާއިރާއަކީވެސް ބަޔަކަށް އެތައް ފިލާވަޅުތަކެއް ބުނެދެވޭ ދާއިރާއެއް ކަމަށް ދެކިއެވެ.
"އަސްލު ހަގީގަތަކީ އެކްޓިންއަކީވެސް ލެސަންއެއް ބަޔަކަށް ބުނެދެވޭ. އަޅުގަނޑުމެންނަށް އެބަ ބުނެދެވޭ ފިލްމުތަކުގައި ވަރަށް ގިނަ ނަސޭހަތްތައް. ކޮށްގެން ނުވާނެ ކަންކަމާއި އެހެން ގޮސް ވަަރަށް ގިނަ ކަންކަން. އެހެންވީމަ މިއީވެސް ފާޑެއްގެ ކިޔަވައިދިނުމެއް ނޫންތޯ،"
ނިޝާގެ ހާއްސަ މެސެޖެއް
ފިލްމީ މަަސައްކަތާ ކިތަންމެ ދުރުގައި ހުރި ނަމަވެސް ދާއިރާގެ ފަންނާނުންނާ ނިޝާއާ އޮތީ ރަނގަޅު ގުޅުމެކެވެ. އެހެންވީމަ ފިލްމީ އިންޑަސްޓްރީއަށް ކާމިޔާބު ދުވަސްތަކެއް ފެނުމަކީ އޭނާވެސް އެދޭ ކަމެކެވެ. އަދި ތަރިންގެ އަގު ހިފައްޓާ ދާއިރާއާ ދޭތެރޭ އާންމުންގެ ލޯތްބާއި އިތުބާރު އޮންނަން އޭނާ ބޭނުންވެއެވެ.
ނިޝާގެ ނަޒަރުގައި އެކަން ކުރެވޭނީ ހަމަތަކެއް ގެންގުޅެ ގެންނެވެ. އެކަކު އަނެކަކާ ޖައްސާލައިގެން ޒާތީ ވާހަކަތައް އާންމުންނާއި ހަމައަށް ތިލަކޮށްގެން އެކަކު އަނެކެއްގެ އަގު ވައްޓާލަން މަސައްކަތް ކޮށްފިނަމަ އެކަމެއް ނުވާނެ އެވެ. މިހާރުގެ އެކްޓަރުންނަށް ނިޝާ ދޭން އޮތް އެންމެ ހާއްސަ މެސެޖަކީ އަމިއްލަ ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް އާންމުންނާއި ހަމައަށް ނުގެނައުމެވެ. ކޮލެޓީ ވާހަކަ ދެއްކުމެވެ.
އަމުދުން މީހުންގެ ވާހަކަ ނުދެއްކުމެވެ.
"އަޅުގަނޑުމެންގެ ދުވަސްވަރު ތަފާތު އެކި ވާހަކަތައް އެކި ގޮތްގޮތަށް ނުދެއްކީމަ ކަންނޭންގެ އެހާ ކުރިއަށް އަޅުގަނޑުމެންނަށް އެދެވުނީ،" އިންޓަވިއު ނިންމާލަމުން ނިޝާ ބުންޏެވެ.