މަރިޔަމް ނިޝާ

ކައިސްގެ ޑެސްޕަރޯލް ފުޅިތަކުން ކީޗެއިންތަކެއް

ކުޅަދާނަ ފިލްމީ ތަރި މަރިޔަމް ނިޝާ (މަރީ) ގެ ދަރިފުޅު ކައިސްއަކީ ސިއްހީ ބޮޑެތި މައްސަލަތަކަކަށް ފަރުވާ ހޯދަން ޖެހިފައިވާ ކުއްޖެކެވެ. ކައިސްއަކީ ބީޓާ ތެލެސީމިއާ މޭޖާއެކެވެ. އަދި ހިތުގެ ޑިފެކްޓެއް ހުރުމުގެ ސަބަބުން މިދިޔަ އަހަރު ބޮޑު އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފައެވެ. ދެން އޮތީ ކައިސްއަށް ދިމާވެފައިވާ ސިއްހީ އެންމެ ބޮޑު މައްސަލަ އެވެ. ނަމަވެސް އެ ހާލަތުގެ ވާހަކަ ދައްކަން ނިޝާ އަދި ފަސްޖެހެ އެވެ. އެކަމަށް ފަރުވާ ހޯދަން ދާން ނިޝާ މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެއީ ހިތުގައި އުފެދުނު ޑިފެކްޓާއި ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު ފޮލޯއަޕަށް ކުރަން ޖެހިފައި އޮތް ދަތުރާ ވެސް އެކުގަ އެވެ.

އުމުރުން ހަތަރު އަަހަރު ކަައިސްއަކީ ހިތުގައި 37 އެމްއެމްގެ އޭއެސްޑީއެއް ހުރި ބީޓާ ތެލެސީމިއާ މޭޖާއެކެވެ. މިދިޔަ އަހަރު އިންޑިއާ އިން ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފަ އެވެ. އެ ފަހަރު އޮޕަރޭޝަނަށް ގޮސް އިންޑިއާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނެވެ. އޮޕަރޭޝަންގެ ހަރަދާއި އެ ނޫންވެސް ހަރަދުތައް ކޮށްފައިވަނީ އެންސްޕާ އާއި އާންމުންގެ ފަރާތުން ދިން އެހީތެެރިކަމާ އެކުގައެވެ.

ނަމަވެސް އެ ފަހަރު ވެސް ނިޝާ ބޭނުންވީ ކައިސްގެ އޮޕަރޭޝަނަށް ފައިސާ ހޯދުމަށް ފަންޑްރައިސިން ހަރަކާތްތަކެއް ހިންގާށެވެ. އެކަމަށް ހާއްސަކޮށްގެން ޔޫޓިއުބް ޗެނަލްއެއް ވެސް ލޯންޗު ކުރިއެވެ. އެ ޗެނަލް މެދުވެރިކޮށް ކުޑަކުދީން ޝައުގުވެރިވާ ފަދަ ބައެއް ވީޑިއޯތައް ގެނެސްދީފައި ވެއެވެ. 

މެއި މަހުގެ ދަތުރަށް ފުރުމުގެ ކުރީން ނިޝާ މިހާރު ވަނީ ފަންޑްރައިސިން ހަރަކާތްތަކެއް ފަށާފަ އެވެ. އެ ގޮތުން ފުރަތަމަ ކަމަކަށް ނިޝާ ނިންމީ ކީ ޗެއިން -- ތަޅުދަނޑިލާ އެއްޗެހި -- ވިއްކާށެވެ. އެ އެއްޗެހި ތައްޔާރު ކޮށްފައި ވަނީ ކައިސްގެ ހަޔާތާ ވަރަށް ގުޅުން ހުރި އެއްޗަކުންނެވެ. އެއީ ކައިސް ބޭނުންކޮށްފައި ހުރި ޑެސްޕަރޯލް ފުޅިތައް ބޭނުން ކޮށްގެން ހަދާފައިވާ ކީ ޗެއިން ތަކެކެވެ.

"ކީ ޗެއިން ހުންނާނީ 'ކެޕްޓަން ކައިސް' ތީމާ ގުޅުވާފައި. އެކި ކީ ޗެއިންތައް ހުންނާނީ ކައިސް މޫވީގައި ފެންނަ ކެރެކްޓާތައް،"

ކީޗެއިން މިވަގުތު ލިބެން ހުންނާނީ އިހުސާން ފިހާރަތަކުންނާއި ރައުންޑްވަންގެ ފިހާރަތަކުން އަދި "އިފާން ޓްރޭޑް" އާއި "ސެން ބްޓިކް" އާއި "މަ ފިހާރަ" ގެ އިތުރުން "ފަހި ޕްލާޒާ" އިންނެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް މި ކަމުގައި ކޮންމެ ވެސް ގޮތަކުން ބައިވެރި ވުމަކީ. ކައިސްއަށް އުފާވެރި ހަޔާތެއް ހޯދުމަށް ކުރާ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ލޯތްބަކީ ވަރަށް ބޮޑު ހިތްވަރެއް،" މަރީ ބުންޏެވެ.