ފިނިޕޭޖް

ސިގްނަލް ޓީވީ އިން 50،000 ރުފިޔާގެ އިނާމާއެކު ކުރު ފިލްމް މުބާރާތެއް

ސިގްނަލް ޓީވީ އިން 50،000 ރުފިޔާގެ އިނާމާއެކު ބާއްވާ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން ހުޅުވާލީ މިމަހުގެ ނިޔަލަށެވެ. ނަމަވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ފެބްރުއަރީގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށް ސިގްނަލް ޓީވީ އިން ބުނެފައިވެ އެވެ.

ސިގްނަލް ޓީވީ އިން ބުނީ މުޅިން އާ ކުރު ފިލްމްތަކަށް ހާއްސަކުރާ މި މުބާރާތުގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފުނުވާ ކޮންމެ ފިލްމެއް ބައިވެރިކުރެވޭނެ ކަމަށެވެ.

ކުރު ފިލްމްތަކަށް ހާއްސަ މި މުބާރާތުގައި ބައިވެރި ކުރެވޭނީ ދެ މިނެޓާއި 10 މިނެޓާ ދެމެދުގެ ފިލްމްތަކެވެ. އެ ގޮތުން ކޮންމެ މޯބައިލް ނަންބަރަކުން ތިން ފިލްމް މުބާރާތަށް ހުށަހެޅޭނެ ކަމަށް ސިގްނަލް ޓީވީ އިން ވަނީ ބުނެފަ އެވެ.

މުބާރާތުގައި މާކްސް ދިނުމުގައި ޖަޖުންގެ 50 ޕަސެންޓް އަދި އެސްއެމްއެސްގެ 50 ޕަސެންޓް ގުނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސިގްނަލް ޓީވީ އިން ބުނި ގޮތުގައި އެސްއެމްއެސް އިން ސިގްނަލް ޓީވީއަށް ލިބޭ އާމްދަނީގެ 50 ޕަސެންޓް އެ ފިލްމެއް އުފެއްދި ބަޔަކަށް ލިބޭނެ އެވެ.

މި މުބާރާތުގައި ބައިވެރިކުރާ ފިލްމްތައް ސިގްނަލް ޓީވީގެ އެޕް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އެވެ.

އެ ގޮތުން ކިއުއާރް ކޯޑް ނުވަތަ ލިންކް މެދުވެރިކޮށް ރެޖިސްޓްރޭޝަންގެ ފުރަތަމަ ސްޓެޕް ފުރިހަމަކޮށްލުމުން މުބާރާތުގައި ބައިވެރިކުރާ ފިލްމްތައް ބަލައިލެވޭނެ ކަމަށް ސިގްނަލް ޓީވީ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން ސިގްނަލް ޓީވީގެ ވެބްސައިޓް މެދުވެރިކޮށްވެސް ރަޖިސްޓާކޮށްލެވޭނެ އެވެ.

މުބާރާތަށް ފިލްމް ހުށަހަޅާ ފަރާތްތަކުން ރެޖިސްޓްރޭޝަންގެ ފުރަތަމަ ސްޓެޕް އަދި ދެވަނަ ސްޓެޕް ފުރިހަމަކުރުމުން މުބާރާތުގެ ގައިޑްލައިން ފެންނާނެ ކަމަށް ސިގްނަލް ޓީވީ އިން ވަނީ ބުނެފަ އެވެ.