މަރިޔަމް ނިޝާ

ނިޝާގެ ދަރިފުޅުގެ ޔޫޓިއުބް ޗެނަލް ފަށައިފި

ދިވެހި ފިލްމީ އިންޑަސްޓްރީން އުފެދުނު އެންމެ ހުނަރުވެރި ފަންނާނުންގެ ތެރޭގައި ހިމެނޭ މަރިޔަމް ނިޝާގެ ދަރިފުޅު ކައިސްގެ ނަމުގައި ހާއްސަ ޔޫޓިއުބް ޗެނަލްއެއް އިފްތިތާހު ކޮށްފި އެވެ. މި ޗެނަލަކީ ކައިސްގެ ފަރުވާއަށް އެހީ ހޯދުމަށް ފަށާ ފަންޑްރެއިސް ހަރަކާތުގެ ތެރޭގައި ހިމެނި ކަމެކެވެ.

"ކިޑްސް ކައިސް ޔޫޓިއުބް ޗެނަލް" އިފްތިތާހު ކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަދި ފުރަތަމަ ވީޑިއޯ ވަނީ އަޕްލޯޑްކޮށްފަ އެވެ. ފުރަތަމަ ވީޑިއޯއަކީ "ކެޕްޓަން ކައިސް" ނަމުގައި ގެނެސްދީފައިވާ ވީޑިއޯކެވެ.

އަވަސްއާ ވާހަކަދައްކަމުން ނިޝާ ބުނީ "ކިޑްސް ކައިސް ޔޫޓިއުބް ޗެނަލް" ގެ ވީޑިއޯތައް ހާއްސަކޮށްފައި ވަނީ ލޯވަ ޕްރައިމަރީ އާއި ޕްރީސްކޫލް ދަރިވަރުންނަށް އެކި ކަންކަމާއި ގުޅޭ މައުލޫމާތަށެވެ. އެ ގޮތުން ކޮންމެ ހަފުތާއަކު ގެނެސްދޭ ވީޑިއޯގައި "ފަން ޓައިމް" "ޕްލޭ ޓައިމް" "ލެޓްސް ލާން" ފަދަ ބައިތައް ހިމެނޭނެ އިރު ކުދިންގެ އުމުރާ ގުޅޭ ތަފާތު މައުލޫމާތުތައް ގެނެސް ދޭނެ އެވެ.

"ޔޫޓިއުބް ޗެނަލް ހާއްސަ ކުރަނީ ކައިސްއަށް އެހީ ހޯދަން ކަމަށްވާއިރު އަޅުގަނޑުމެންގެ ބޭނުމަކީ ކުދިންނަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބޭ ވީޑިއޯތަކެއް ގެނެސް ދިނުން. އެގޮތުން އެ ކުދިންގެ އުމުރާ ގުޅޭގޮތުން ތަފާތު ބައިތައް ހިމަނާފައި ހުންނާނެ. ހަފުތާއަކު ވީޑިއޯއެއް ގެނެސް ދިނުން އަޅުގަނޑުމެންގެ އުންމީދަކީ،" 

ނިޝާގެ ދަރިފުޅުގެ ހާލަތާއި ގުޅޭގޮތުން އަވަސްއަށް ކުރީން ދިން އިންޓަވިއެއް -- އަވަސް ވީޑިއޯ

ނިޝާގެ އެންމެ ބޮޑު އުންމީދަކީ ދަރިފުޅަށް އެހީތެރިކަމެއް ހޯދުމަށް ފެށި މަސައްކަތަށް އާންމުން އެހީތެރި ވުމެވެ.

"އަޅުގަނޑު ހުރިހާ އެންމެންގެ ކިބައިން އެދެނީ މި ޗެނަލް ސަބްސްކްރިބް ކޮށް ދިނުން. އަދި ވީޑިއޯތައް ވީހާވެސް ގިނަ ބަޔަކު ބެލުން. އަޅުގަނޑަށް ވެސް އެނގޭ ޔޫޓިއުބަކީ މިގޮތަށް ކުރިއަށް ގެންދަން އަދި ރާއްޖޭގައި ތަންކޮޅެއް އާ ކަމެއްކަން. ނަމަވެސް މުޖްތަމައުއަށް ކައިސްގެ ފަރާތުން އެހީތެރިކަމެއް ދިނުމާއެކު އެހީތެރިކަމަށް އަޅުގަނޑުމެން މި އެދެނީ. ޗެނަލް އިފްތިތާހުކޮށް ފުރަތަމަ ވީޑިއޯ މިއީ އީދު ހަދިޔާއެއްގެ ގޮތުގައި ބަލައިގަތުން އެދެން،"

ހަތަރު އަހަރުގެ ކައިސްއަށް އެ އުމުރުގެ ކުދިން ފަދައިން ރަނގަޅަށް ވާހަކަ ދައްކާ ބަސްތައް ކިޔަން ނޭނގެ އެވެ. ނަމަވެސް ކައިސްގެ އެކްޓިންއާމެދު ނިޝާ ވަރަށް ހިތްހަމަޖެހެ އެވެ. އެހެން ކަމުން ބެލުންތެރިންނަށް ކައިސްގެ ވީޑިއޯތައް ރަނގަޅުވާނެ ކަމަށް ހުރީ ވަރަށް ބޮޑު އުންމީދެއްގަ އެވެ.

އަވަސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނިޝާ ވަނީ އޭނާގެ ދަރިފުޅުގެ ހާލަތު ތަފްސީލު ކޮށްދީފައެވެ. އުމުރުން ހަތަރު އަަހަރު ކަައިސްއަކީ ހިތުގައި 37 އެމްއެމްގެ އޭއެސްޑީއެއް ހުރި ބީޓާ ތެލެސީމިއާ މޭޖާއެކެވެ. ނިޝާ ބުނީ ދަރިފުޅަށް ބަލިވެ އިނދެ ވިހެއުމުގެ ކުރީން ކުއްޖާގެ ހިތުގެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ލަންކާގައި ކުއްޖާ އުފަންވީއިރު ހިތުގައި މައްސަލަތަކެއް ހުރިކަން ޔަގީން ކުރެވުނު ކަމަށެވެ.

ލޭ އަޅާ ކުދިންނަކީ ދަގަނޑުގެ ބައި އިތުރު ދިފާއީ ނިޒާމަށް އިތުރު މައްސަލަތަކެއް ދިމާވާ ކުދިންތަކެކެވެ. އެކަން ކަައިސްއަށްވެސް ތަޖުރިބާ ކުރަން ޖެހިފައި ވެއެވެ. ޑޮކްޓަރުން ލަފާދީފައި ވަނީ މިހާރު ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ވީހާ ވެސް އަވަހަށް އޮޕަރޭޝަން ކުރުމަށް ބޭރަށް ދިއުމަށެވެ. ނިޝާ މިހާރު ތައްޔާރުވަމުން ދަނީ އެ ދަތުރަށެވެ. ދަރިފުޅަށް ރަނގަޅު ސިއްހަތެއް ހޯދުމަށް ފަށާ އެ ދަތުރުގައި ހެޔޮއެދޭ ހުރިހާ އެންމެންގެ އެހީތެރިކަން ބޭނުންވެއެވެ.

ކައިސްގެ އޮޕަރޭޝަން ކުރަން އާއިލާއިން ބޭނުންވީ ލީސަން ހޮސްޕިޓަލް ނަމަވެސް ކޮވިޑާއެކު ހާލަތު އޮތް ގޮތުން އިންޑިއާއަށް ދަތުރުކުރުމުގައި ގޮންޖެހުން ހުރުމުން އެހެން ގައުމަކުން ނަމަވެސް އޮޕަރޭޝަން ކުރަން ޖެހިދާނެތީ އެކަމަށްވެސް ނިޝާން ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާ ނޫން ގައުމަށްވެސް ދާން ޖެހިދާނެ. އެހެންވީމަ އެ ދަތުރަށް ހުރިހާ ގޮތަކުން އަޅުގަނޑު މި ތައްޔާރު ވަމުން މިދަނީ. އަދި މި ޗެނަލް މެދުވެރިކޮށް ނޫން ގޮތަކުންވެސް އާންމުންގެ އެހީތެރި ކަމަށް އެދެން ޖެހޭނެ ކަމަށް ގަބޫލުކުރަނީ، ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން " ނިޝާ ބުންޏެވެ.

އެހެން ކަމުން ނިޝާގެ އުންމީދަކީ "ކިޑްސް ކައިސް ޔޫޓިއުބް ޗެނަލް" މެދުވެރިކޮށް ފެށި މަަސައްކަތަށް އާންމުންގެ ސަޕޯޓް ލިބުމެވެ.