ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް މައުމޫން ގޮވާލައްވައިފި

Apr 24, 2021

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެހެންވެ ރައީސް އޮފީހާއި އެޗްޕީއޭ ޓެގް ކުރައްވާ، ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައްވާފަ އެވެ.

އެމަނިކުފާނު މީގެކުރިން ވެސް ވަނީ ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައްވާފަ އެވެ.

ރައީސް މައުމޫނަށް ކޮވިޑް ޖެހި އެމަނިކުފާނު މީގެ ކުރިން ވަނީ އެ ބައްޔަށް ފަރުވާ ވެސް ހޯއްދަވާފަ އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓް

ރާއްޖޭގެ އެކި ސަރަހައްދު ތަކުން 319 މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ކޮވިޑް ކޭސްތައް އަތޮޅު ތެރޭގައި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި އއ. މަތިވެރި، ބ. އޭދަފުށި އަދި ކ. މާފުށި ހިމެނެ އެވެ.

ރާއްޖޭގައި 3207 މީހަކު މިވަގުތު ވެސް ގެންދަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. މީގެތެރޭގައި 98 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.

ރާއްޖޭގައި ކޮވިޑް ބަލިި ޖެހި 24،116 މީހުން ރަނގަޅުވެފައިވާއިރު 71 މީހަކު ވަނީ މިބަލީގައި މަރުވެފަ އެވެ.