ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ހުރި މައްސަލަތައް އަވަހަށް ރަނގަޅުކޮށް އިންތިޒާމުތައް ހަރުދަނާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
އެމްއާރްއެމުން ބުނީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ފާހަގަ ކޮށްފައިވާ މައްސަލަތަކަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލަތަކެއް ކަމަށާއި އެކަންކަން އަވަހަށް އިސްލާހުކޮށް ފެސިލިޓީގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ގޮވާލާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ރައީސް ކަން ކުރައްވާ އެމްއާރްއެމް އިން އިތުރަށް ބުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ހުރި މައްސަލަތައް ހައްލުކުރަން ސަރުކާރަށް ވަގުތު ދޭން ބޭނުންވާތީ މިވަގުތު އެ މައްސަލާގައި އެޕާޓީން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއާ ގުޅޭގޮތުން މީޑިއާތަކުން އާންމުކުރި ޝަކުވާތަކާ ގުޅިގެން އެޗްއާރްސީއެމުން ވަނީ މި މަހުގެ 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތްކޮށް ހާލަތު ބަލާފަ އެވެ. އޭގެފަހުން އެޗްއާރްސީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާއި ބަލި މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު އެ މީހުންނަށް ފަރުވާ ދިނުމަށް ތިބި ނަރުހުންގެ އަދަދު މަދު ކަމަށެވެ. އެކަމުގެ ސަބަބުން އެދުމަތި ކޮށްގެން ދޭންޖެހޭ ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ.
ފެސިލިޓީގައި ބަލި މީހުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުން ކަމަށްވާއިރު ނަރުހުން މަދުވުމުގެ ސަބަބުންނާއި އަދި ކޮންމެ ދުވަހަކުވެސް އިތުރު މީހުން އެޑްމިޓްކުރަން ޖެހޭއިރު ބަލި މީހުންނާއި ބަލި މީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ދިނުމުގައިވެސް ލަސްވާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ ބަލި މީހުންނާއި ގުޅޭގޮތުން ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި ބަލި މީހުންނަށް އާއިލާތަކުން ފޮނުވާ ތަކެތި އެ މީހުންނާ ހަވާލުކުރުން ވެސް ލަސްވާ ކަމަށެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންނަށް ފޯރުކޮށްދެމުން ދަނީ އެންމެ އެކަށީގެންވާ ކެއުން ނޫން ކަން ފާހަގަކޮށްފައިވެ އެވެ.
"...އޭގެ އިތުރުން ބަލި މީހުން މިހާރު ތަހައްމަލު ކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަން ބައެއް ބަލި މީހުންނާއި ބަލި މީހުންގެ އެހީތެރިން ދީފައިވާ މައުލޫމާތުން ކޮމިޝަނަށް ފާހަގަ ކުރެވިފައިވެ އެވެ. މި ފެސިލިޓީއަކި ކޮވިޑް-19ގެ ބައްޔަށް ޕޮޒިޓިވްވާ މީހުން އެކަނި އެޓްމިޓް ކޮށްގެން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ތަނަކަށްވީ ނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލި މީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭ ކަމާއި މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށް ވުރެ އިތުރަށް މީހުން ވޯޑްތަކުގައި ތިބެން ޖެހުމުގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭ ކަންވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވޭ،"
މީގެ އިތުރުން ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ނަފްސާނީ ގޮތުން އެތައް ކަމެއް ތަހައްމަލު ކުރަން ޖެހޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެކަމަކު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށާ ފެސިލިޓީ ސާފުކުރުމަށް ތިބޭ މުވައްޒިފުންނަށް އެއްވެސް ބަންދެން ނުލިބި 12 ގަޑިިއިރު މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
އެޗްއާރްސީ އެމުން އިތުރަށް ބުނީ ފާހަގަކުރެވުނު މައްސަލަތައް ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާނެ ކަމަށެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގަމުން ދަނީ އައިޖީއެމްއެޗްގެ ދަށުންނެވެ. ފެސިލިޓީ ހިންގުމުގައި އިސްކޮށް ހުންނަވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ އެވެ.