ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގެ ކޮވިޑް ހިދުމަތްތައް ދެރައެއް ނޫން: ރައީސް

ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއިން ދެމުންދާ ހިދުމަތްތައް ދެރަ ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުވެސް ތަކުރާރުކޮށް ވިދާޅުވީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާ ކަމަށެވެ. ކޮވިޑް ފަދަ ބައްޔަކީ ސަތޭކަ އަހަރުން އެއްފަހަރު ކަހަލަ ގޮތަކަށް އަންނަ ކަމެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމަކުން މިފަދަ ބަލިތަކަށް ތައްޔާރުވެފައި ނުހުންނަ ކަމަށެވެ. ކުއްލިއަކަށް އަންނަ ކަންތައްތަކުގައި ކަންތައްތަކެއް އަތްދަށުން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ކޮވިޑްގެ ކަންކަމަށް އެކަނި 3.41 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދަދަށް ފައިސާ ހަރަދުކުރަން ޖެހުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަސީލަތްތައް މަދުކަމުންނެވެ. ރާއްޖެ އޮތީ ކޮވިޑް އަންނާނެ ކަމަށް ކުރިން ތައްޔާރުވެގެން ނޫން ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"3.41 ބިލިއަން ރުފިޔާ ކޮވިޑަށް ހަރަދުވެއްޖެ. މި އަދަދަށް ހަރަދުކުރަން ޖެހުނީ ކޮވިޑް އައިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި [ވަސީލަތްތައް] މަދުކަމުން. އެގޮތުން 1.7 ބިލިއަން ރުފިޔާ ގާތްގަނޑަކަށް ސިއްހީ އަދި އިޖުތިމާއި ކަންތައްތަކަށް ހަރަދުކުރެވުނު. ކޮވިޑްގައި ފެއިލް ނުވާކަމަށް މި ދެންނެވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެއިން ދޭ ހިދުމަތްތައް އެހާ ގޯސް ކަމަކަށް ނެތިން ދަންނަވާކަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް ޖެހެގެން އެއްވެސް މީހަކު މަރުވުމަކީ ފޫނުބެއްދޭވަރުގެ ހިތާމައެއް ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން މީހުން މަރުވާ އަދަދުތައް ވެސް ގޯސް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 189 މީހަކު މަރުވެފަ އެވެ. އެންމެ ގިނައިން މީހުން މަރުވީ މިދިޔަ މަހު އެވެ. އެއީ 88 މީހުންނެވެ. މީގެ އިތުރުން އެމްބިއުލާންސް ލަސްވެގެން ހާލު ދެރަވި 10 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.