ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

ބަހުގެ ހަމަލާ ހުއްޓާލާ މިއީ އެންމެން އެއް ގަލަކަށް އަރަންވީ ވަގުތު: މައުމޫން

މި ވަގުތަކީ އެެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލާ ގައުމަށްޓަކާ އެންމެން އެއްގަލަކަށް އަރަން ވީ ވަގުތު ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ މިހާތަނަށް ތަޖުރިބާ ކުރެެވިފައި ނުވާ ފަދަ ހާލަތެއްގައެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ނަންބަރު ހާހުން މަތީގައި ހުންނަތާ ހަފްތާއެއް ވަނީ އެވެ. އަދި ދުވާލަކު ތިން ހަތަރު މީހުން މަރުވަމުންދާތާވެސް ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. މި މަހު އެކަނިވެސް 31 މީހަކު ކޮވިޑްގައި މަރުވެއްޖެ އެވެ. މި އަހަރުތެރޭ 53 މީހަކު ވަނީ މަރުވެފައެވެ. މުޅި ޖުމްލަ 104 މީހަކު މަރުވެއްޖެ އެވެ.

މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަައިވާއިރު އާންމު ދިރިއުޅުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ. އެހެން ކަމުން މި ވަގުތަކީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ދިނުން ހުއްޓާލާ ގައުމަށްޓަކާ އެންމެން އެއް ގަލަކަށް އަރަން ވީ ވަގުތު ކަމަށެވެ.

ރާއްޖޭގައި މިވަގުތު މިވަނީ ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައި. ރައްޔިތުންގެ އާންމު ދިރިއުޅުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލާފައި އެންމެން ގައުމަށްޓަކާ އެއްގަލަކަށް އަރަން ވީ ވަގުތު،" ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.