ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

ފިޔަވަޅުތައް ލުއި ކުރުމުން މައުމޫން ކަންބޮޑުވެއްޖެ

Apr 2, 2021
11

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއި ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ސަރުކާރުން ފިޔަވަޅުތަކަށް ލުއި ދީފައި ވަނިކޮށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ފިޔަވަޅުތަކަށް ލުއި ނުދީ ހަރުކަށި ކުރަން ގޮވާލައްވާފައި ވެއެވެ. ރައީސް މައުމޫން ވަނީ ކޮވިޑްގެ ނުރައްކާ ބޮޑުވެ ހާލަތު ގޯސްވުމުގެ ކުރިން އެކަމަށް ސަމާލުވާން ވެސް އިލްތިމާސް ކުރައްވާފަ އެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. ކެފޭ / ހޮޓާ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފަ އެވެ. އަންނަ މަހު ސުކޫލުތައް ހުޅުވާން ނިންމައި އިއްޔެ ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ވެސް ދީފަ އެވެ.

މާލެ ސަރަހައްދަށް ރޭގަނޑު 11:00 އިން ފެށިގެން އިއުލާން ކޮށްފައި އޮތް ބޭރަށް ނިކުމެ އުޅުން މަނާ ކާފިއު އައީ މިދިއަ ފެބުރުއަރީ ދެވަނަ ދުވަހު އެވެ. ނަމަވެސް އެޗްޕީއޭއިން އިއްޔެ ބުނީ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އޮތް ކާފިއު ވަނީ އުވާލާފަ އެވެ. އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެ ކުލާސްތައް ކުރިއަށް ގެންދަން ވެސް ވަނީ ހުޅުވާލާފަ އެވެ.

އެޗްޕީއޭއީން ކާފިއު އުވާލާއި ލުއި ދިން ނަމަވެސް އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް އެނގި އެންގުން ނިމުމަކަށް ނުގެނެ އެވެ. އަދި މާލެ ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައްވެސް ނުބޭއްވެ އެވެ. މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވާން ޖެހެ އެވެ.

ކޮވިޑް ކޭސްތައް ދަށްނުވަނީސް ފިޔަވަޅުތަކަށް ކުއްލި ގޮތަކަށް ލުއި ދިނުމުން ގިނަ ބަޔަކު ދަނީ ފިޔަވަޅުތައް ހަރުކަށިކޮށް ލުއި ދޭ ގޮތާމެދު ސުވާލު އުފައްދާ އެޗްޕީއޭއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.