އުރީދޫ

އައިފޯން 12 ގެންގުޅޭ ނަމަ އުރީދޫ 5ޖީ

Apr 29, 2021

އައިފޯން 12 ގެންގުޅޭ ކަސްޓަމަރުނަށް އެންމެ ހަލުއި މޮބައިލް ނެޓްވޯކް 5ޖީ މިހާރު ލިބޭނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނި ގޮތުގައި އައިފޯން 12 ގެންގުޅޭ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުއި ސްޕީޑް މިހާރު ލިބޭނެ އެވެ. ނަމަވެސް ހިދުމަތް ހޯދަން އައިފޯން 12 ގެންގުޅޭ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށް ވުރެ ފަހުގެ ސޮފްޓްވެއާއަކަށް އަޕްޑޭޓް ކުރަން ޖެހޭނެ އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކްއާއެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް މާލެ ސަރަހައްދަށް ދީފައި ވަނީ މި އަހަރު މިދިޔަ ޑިސެމްބަރު މަހު އެވެ. ހިދުމަތް ލިބޭ ސަރަހައްދުތަކުގެ ތެރޭގައި ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެ އެވެ.

5ޖީ ގެ ހިދުމަތް ފުޅާކުރުމާއެކު މިހާރު އައިފޯން 12 އާއި ވާވޭ ޕީ40 ޕްރޯ އަދި ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި ނޯޓް 20 އަލްޓްރާ އަދި ސެމްސަންގް ގެލެކްސީ އެސް 21 އަދި އެސް 21 ޕްލަސްގެ އިތުރުން އެސް 21 އަލްޓްރާ ފޯނު ގެންގުޅޭ ކަސްޓަމަރުންނަށް މި ހިދުމަތް ލިބޭނެ އެވެ.

އައިފޯން 12 ނަގަން ބޭނުންވާފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ނެގޭނެ އެވެ. އަދި މީގެ އިތުރުން އުރީދޫ އިން ލިބެން ހުންނަ ހުރިހާ ފޯނުތަކެއް އިންސްޓޯލްމަންޓަށް ނަގަންން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ވެސް ނެގެ އެވެ.