ވިޔަފާރި

އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ

އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރަށްވުރެ ތިންވަނަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބުނީ 471 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި ލިބުނީ 465 މިލިއަން ރުފިޔާ އެވެ.

އުރީދޫއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުން ނެވެ. މޯބައިލް ހިދުމަތްތަކުން އުރީދޫއަށް ތިންވަނަ ކުއާޓަރުގައި 363 މިލިއަން ރުފިޔާ ލިބުނެވެ.

ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް އިން 107 މިލިއަން ރުފިޔާ އުރީދޫއަށް ތިންވަނަ ކުއާޓަރުގައި ލިބުނެވެ.

އުރީދޫ މޯލްޑިވްސްގެ 90.5 އިންސައްތަ ހިއްސާދާރަކީ ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ. 5.64 އިންސައްތަ ހިއްސާދާރަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ. 3.86 އިންސައްތަ ހިއްސާދާރުންނަކީ އެހެނިހެން ފަރާތްތަކެވެ.