އުރީދޫ

ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫ އިން ހިދުމަތް ދޭން ފަށައިފި

ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް -- ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން ހިދުމަތް ދޭން ފަށައިފި އެވެ.

ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިއާ އާއި ރާއްޖެ ގުޅާލެވޭ މި ސަބްމެރިން ކޭބަލް ކުޅުދުއްފުށި ސިޓީގެ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ.

މި ކޭބަލްއާއި އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

އުރީދޫ އިން މީގެ ކުރިން ބުނި ގޮތުގައި ޕީސް ކޭބަލްއާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. އެގޮތުން ހައިޕަސްކޭލަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.