ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުޅުއްދުފުށި ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޔުނިޓް ކަމަށްވާ ސަންޝައިން ކްލާހަށް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިގޮތުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ ސަންޝައިން ކްލާހަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފަ އެވެ.
މީގެ ތެރޭގައި އޮޓޮމެޓިކް ގޮނޑިއާއި ލޮކިންގް ގޮނޑީގެ އިތުރުން ކުލާހުގެ ސެންސަރީ އަދި އެކްޓިވިޓީ ޔުނިޓަށް ބޭނުންވާ ވަސީލަތް ހިމެނެ އެވެ.
މި އެހީތެރިކަމުގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ މި ސްޕެޝަލް އެޑިއުކޭޝަން ޔުނިޓްގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެ އެވެ.
މި އިވެންޓްގައި ދިރާގުގެ ކުޅުދުއްފުށި އޮޕަރޭޝަންސް ސެންޓަރުގެ އެސިސްޓަންޓް މެނޭޖާ އޮޕަރޭޝަންސް، މުހައްމަދު އަލީ ވަނީ އެއްވެސް ކުއްޖަކު ބާކީނުވާނޭހެން މުޖުތަމައުގައި ޝާމިލުކުރުމަށް އެއްބާރުލުން ދިނުމަކީ ދިރާގުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭކަމެކަމަށް ވިދާޅުވެފަ އެވެ. އަދި އުއްމީދަކީ މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ޓީޗަރުން ކުރަމުން އަންނަ މިންނެތް މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބި، ހުރިހާ ކުދިންނަށް ވެސް ކުރިއެރުމާއި އުނގެނުމުގެ ފުރުސަތުތައް ތަނަވަސްވެގެން ދިޔުން ކަމަށް ވިދާޅުވި އެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، މުޙައްމަދު މަތީން ވަނީ ސަންޝައިން ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ދިރާގަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަންޝައިން ކުލާހަށް ލިބިގެން މިދިޔަ ވަސީލަތްތަކުގެ ސަބަބުން، އިންކްލޫސިވް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.