ދިރާގު

ދިރާގުން ޖަލާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިޔުކޭޝަން ޔުނިޓަށް އެހީވެއްޖެ

ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ޖަލާލުއްދީން ސްކޫލުގައި ކިޔަވާ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ޔުނިޓަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޖަލާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން ވަނީ ސްކޫލުގެ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ޔުނިޓަށް ބޭނުންވާ އަދި އެ ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވާނެ ތަފާތު ވަސީލަތްތައް ހަދިޔާކޮށްފަ އެވެ. ހަދިޔާ ކުރެވުނު ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރާއި ފަރުނީޗަރާއި ޖިމް ކަސްރަތު ބޯޅަ އަދި އެކުދިންނަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތައް ހިމެނެ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. ރަސްމިއްޔާތުގައި ދިރާގު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިރުޝާން ހަސަނާއި ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި ސްކޫލުގެ މެނޭޖްމަންޓްގެ އިތުރުން ދިރާގުގެ ކުޅުދުއްފުށި އޮފީހުގެ މުވައްޒަފުން ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައި މޭޔަރު އާތިފް ވިދާޅުވީ ތައުލީމަށް ކުރާ ކޮންމެ ހޭދަ އަކީ މުސްތަގުބަލަށް ކުރެވޭ މުހިއްމު އިންވެސްޓްމެންޓެއް ކަމަށާއި ޖަލާލުއްދީން ސްކޫލުގެ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ޔުނިޓަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ދިރާގުގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ޖަލާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ތި ވެދެއްވި އެހީގެ ސަބަބުން ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަން ޔަގީން" އާތިފް ވިދާޅުވި އެވެ.

އެހީގެ ތަކެތި ހަވާލު ކުރެއްވުމަށްފަހު ދިރާގުގެ ޑިރެކްޓަރު މިރުޝާން ވިދާޅުވީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރި ކުރުމަކީ ދިރާގުން ހާއްސަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އިސްކަމެއް ދޭނަން" މިރުޝާން ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތް މުހައްމަދު ވިދާޅުވީ ދިރާގުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށައި އެހީގެ ގޮތުގައި ލިބުނު ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ޔުނިޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށެވެ.