ހދ. ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން މަރުވީ ގެނބިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ކުޅުދުއްފުށި ފަޅު ތެރޭގައި މުހައްމަދު ހަސަން މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެވެ.
މުހައްމަދު ހަސަންގެ މަރުގެ އަސްލު ދެނެގަތުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދި އެވެ. އެކަމަކު ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް އަދިވެސް ލިބިފައެއް ނުވެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މުހައްމަދު ހަސަން ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހައްމަދު ހަސަން ކުޅުދުއްފުށި ބަނދަރުގެ ވާޓަރު މަތިން ފެންނައިރު އޭނާގެ ކައިރީގައި އެއްވެސް މީހަކު އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނިފައި ނުވާ ކަމަށެވެ.
ސާމިހް ވިދާޅުވީ މުހައްމަދު ހަސަން ބަނދަރު މަތިން މޫދަށް ވެއްޓުނު ކަމަށް ބެލެވެނީ 2:55 ހާއިރު ކަމަށެވެ. އަދި އޭނާ ފަޅުތެރޭގައި އޮއްވާ ބަޔަކަށް އޭނާ ފެނިގެން ކުޅުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސާމިހް ވިދާޅުވީ މުހައްމަދު ހަސަންގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވުނު ނަމަވެސް އޭނާ މަރުވީ މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ. މި މައްސަލާގެ ތަހުގީގު މުޅިން ނިމޭނީ ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް ފުލުހުންނަށް ލިބުމުން ކަމަށްވެސް ވިދާޅުވި އެވެ.