ކަރު ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.
ހދ. ކުޅުދުއްފުށީގައި ހިނގި ހާދިސާއެއްގައި، ކަރު ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ ހދ. ކުޅުދުއްފުށީ، ނިއުމާގޭ އަހްމަދު އާދިލް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެ ވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ހިނގި މި ހާދިސާއާ ގުޅިގެން ދައުވާ ކުރި މި މައްސަލަ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމީ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތުން މި ދައުވާ ކޮށްފައިވަނީ، އަހްމަދު އާދިލް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހެނދުނު، ކުޅުދުއްފުށީ ފަރިރީތި ހާޑުވެއާ ކައިރީގައި ކަތިވަޅިއެއް ހިފައިގެން ހުރެ މީހަކަށް އިންޒާރު ދީފައިވާތީ އެވެ.
މި މައްސަލައިގެ ޝަރީއަތުގައި އަހްމަދު އާދިލްވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލަ ނިންމާފައިވަނީ އަހްމަދު އާދިލްގެ މައްޗަށް އެއް އަހަރާއި 12 ދުވަހުގެ ޖަލު އަދަބެއް އިއްވައިގެންނެވެ. އެހެންނަމަވެސް މި މައްސަލައިގައި އަހްމަދު އާދިލް ބަންދުކޮށްފައި ހުރި 59 ދުވަސް އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭނެ އަދަބަކީ، 10 މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. މި ހުކުމް އިއްވީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހައްވާ އިބްރާހީމްއެވެ.