ކުޅުދުއްފުށި

ފުލުހެއްގެ ކަންކަށިމަތީ ޖެހި މީހަކު ޖަލަށްލައިފި

ހދ. ކުޅުދުއްފުށީގައި ފުލުހެއްގެ ކަންކަށި މަތީ ޖެހި މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިއީ، މި އަހަރުގެ ކުރީކޮޅު ހިނގި ހާދިސާއެކެވެ. މި ހާދިސާގައި ހދ. ކުޅުދުއްފުށި، ލަންދޫގެ އަބްދުﷲ އިބްރާހީމް ކިޔާ މީހަކު، ފުލުހަކަށް ހަމަލާދިނީ އެއްރެއެއްގެ ދަންވަރު އޭނާގެ މައްޗަށް ކުރެވުނު ވައްކަމުގެ ތުހުމަތަކާ ގުޅިގެން ފުލުހުން މަގުމަތިން އޭނާ ހިފަހައްޓައި ސުވާލު ކުރުމުގެ ތެރޭގައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތުގައި އަބްދުﷲ އިބްރާހީމްވަނީ ފުލުހަކަށް ހަމަލާދިން ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ދައުވާ ލިބުނު އަބްދުﷲ އިބްރާހީމްގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޝަރީއަތުންވަނީ މި އަދަބު ގޭ ބަންދު އަދަބަކަށް ލުއިކޮށްދީފަ އެވެ.

ފުލުހަކަށް ހަމަލާދީގެން ހުކުމެއް އިއްވި އަބްދުﷲ އިބްރާހީމްގެ މައްޗަށް ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެއް އުފުލައި އެ ކުށްވެސް ސާބިތުވެފައިވެ އެވެ. އަމިއްލައަށް ބޮގަރު ކައްކައިގެން ބުއި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވަނީ 40 އެތިފަހަރުން ޖަލްދުކުރުމާއެކު 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި ދެ މައްސަލަ ނިންމައި ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.