އުރީދޫ

އުރީދޫ "ޕީސް" ސަބްމެރިން ކޭބަލް ކުޅުދުއްފުއްޓާއި ޔޫރަޕާ ދެމެދު

Dec 13, 2021

ކުޅުދުއްފުށި ސިޓީ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

މިހާރު ވެސް ކޮމިއުނިކޭޝަން ކޯލް ސެންޓަރުގެ ގިނަ ކުންފުނިތަކުން ދޭ ކުޅުދުއްފުއްޓާއި ސިންގަޕޫރު އަދި ޔޫރަޕު ސަބްމެއިންއިން ގުޅާލަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ސީއީއޯ ނަޖީބު ހާން އެވެ.

"ޕީސް ކޭބަލް" ގެ ނަން ދީފައިވާ ސަބްމެރިން ކޭބަލް އެޅުމުގެ ހިދުމަތާ ބެހޭ ގޮތުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ މި ކޭބަލް ކުޅާލަން ކުޅުދުއްފުށި ހިޔާރުކުރީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ހިދުމަތްތަކާއެކު ފަހި ވެގެން ދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

"5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ހިދުމަތްތަކުގެ އިތުރުން 5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ހިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރ އެއް ބިނާކުރުމަކީ މުހިންމުކަމެއް،" ނަޖީބު ވިދާޅުވި އެވެ.

"އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން."

މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެއެވެ. އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއި އެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު ޢާޠިފު ވިދާޅުވީ ކުޅުދުއްފުއްޓާއި ދެމެދު ގުޅާލުމަކީ ލިބިގެންދާނެ ފަހުރެއް ކަމަށެވެ.

"އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުޞަތުތަކެއް ފަހިވެ އައު އުސްމިންތަކަކަށް ވާސިލްކުރާނެ ކަމުގެ ޝައްކެއްވެސްނެތް. މި އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިހްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް އަޅުގަނޑުމެން ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އާތިފު ވިދާޅުވި އެވެ.

ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ހދ.ކުޅުދުއްފުށީގައި ކޭބަލް ގުޅުވާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ލަފާކުރެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީއާއި އައު އީޖާދުތަކާއި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ގުޅުވާލަދޭ އިންޤިލާބީ 5ޖީ ގެ ހިދުމަތް ފޯރުކޮށްދިނުމަށް ނެޓްވާކް ތައްޔާރަށް އޮތް މިންވަރު އިތުރު ވެގެންދާނެ އެވެ.