ރައްޔިތުންގެ މަޖިލިސް

ދިރާސީ ކަލަންޑަރާ އެއްގޮތަށް މަޖިލީހުގެ ދައުރު ކަނޑައަޅައިފި

ރާއްޖޭގެ ދިރާސީ އަހަރުގެ ކަލަންޑަރާއި އެއްގޮތަށް މަޖިލީހުގެ ދައުރުތައް ކަނޑައަޅައި މަޖިލީހުން ފާސްކޮށްފި އެވެ.

އަލަށް އެކުލަވާލި ދިރާސީ ކަލަންޑަރުގައިވާ ގޮޮތުން ދަރިވަރުންނަށް ޗުއްޓީ ލިބެނީ އޮގަސްޓު މަހު އެވެ. ނަމަވެސް އެ ދުވަސްވަރަކީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށް ވެފައި އެކަމުން މެމްބަރުންނަށް ދަތިތައް ދިމާވާތީ މަޖިލީހުގެ އާންމު ކޮމެޓީން ނިންމީ ދިރާސީ ކަލަންޑަރާ މަޖިލިސްގެ ދައުރުތައް މިހާރު ބެހިފައިވާ ގޮތްތައް ވިހާވެސް ބޮޑަށް އެއްގޮތް ކުުރުމަށެވެ.

އެ ބަދަލުތައް ގެނައުމަށްފަހު އާންމު ކޮމެޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 70 މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ދެން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މޭ 16 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެ އިސްލާހުގެ ސަބަބުން މަޖިލީހުގެ ދެވަނަ ދައުރު މަސައްކަތް ކުރާ ދުވަސްތައް މަދުވާނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި ތިން ވަނަ ދައުރުގައި މަސައްކަތް ކުރާ ދުވަސްތައް އިތުުރުވާނެ އެވެ. އަދި ޖުމްލަކޮށް މަޖިލީހުގެ މަސައްކަތްތައް ކުރާ ދުވަސްތަކުގެ އަދަދަށް ބަދަލެއް ނާންނާނެ އެވެ.