ކްރިމިނަލް ކޯޓް

އަނބިމީހާއަށް އަނިޔާކުރުމުން 21،000 ރ. އިން ޖޫރިމަނާކޮށްފި

May 3, 2021
2

އަނބިމީހާ އަށް އެކި ފަހަރު މަތިން އަނިޔާކުރި މީހަކު 21،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމް ކޮށްފައިވަނީ ރ. އަތޮޅު މީހަކަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައިވަނީ ޖުލައި 28، 2011 އިން ފެށިގެން އޭޕްރީލް 2012ގެ ނިޔަލަށް އެމީހާ އޭރު ކައިވެނިކޮށްގެން އުޅުނު އަނބިމީހާ އަށް އެކި ދުވަސް މަތިން ދެބަސްވެ، އަނިޔާކޮށް، މާރާމާރީ ހިންގާފައިވާތީ އެވެ.

އަނބިމީހާގެ އިސްތަށިގަނޑުގައި ހިފާ ދެމުމާއި، ބަނޑުމައްޗަށް އެރުމާއި، ކަރުގައި ހިފުމާއި، ފައިންޖެހުމާއި، މޫނުމަތީގައި ޖެހުމުގެ ސަބަބުން ލޯ ކައިރި ފަޅައިގެންދިޔަ ކަމަށް ކޯޓުގައި ހެކިބަސް ދެމުން އަންހެން ބުނެފައިވެ އެވެ. އަދި އޭރުގެ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި އެތައް ފަހަރަކު ފަރުވާ ހޯދި ކަމަށްވެސް ބުނެފައިވެ އެވެ.

ކޯޓުގައި ހެކި ބަސް ދިން ބައެއް މީހުން ވެސް ބުނެފައިވަނީ ފިރިހެން މީހާ، އޭނާގެ އޭރުގެ އަނބިމީހާ އަށް އަނިޔާ ކުރި މަންޒަރު ފެނިފައިވާ ކަމަށެވެ. އަނިޔާ ނުކުރުމަށް އެދި އަންހެން މީހާ ރޯއަޑު އިވިފައިވާ ކަމަށްވެސް ހެކި ދިން މީހުން ބުނެފައިވެ އެވެ.

މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށަށް ދެވޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ދައުލަތުން އެދުނީ އޭނާ ޖަލަށް ލުމަށެވެ. ނަމަވެސް ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން މިމައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވީ އޭނާގެ މައްޗަށް ކުށް ސާބިތުވާތީ 21،600 ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށެވެ. ގާޒީ އެގޮތަށް ނިންމެވީ އެއީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ އެވެ.