މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ އެ މަނިކުފާނު އަވާހަރަ ކޮށްލަން ދިން ހަމަލާއެކެވެ. އެހަމަލާއިން ދިވެހިންގެ އެތައް ބައެއްގެ ހިތްތައް ވެސް "ޒަހަމް" ވި އެވެ. އެކަން ޔަގީނެވެ؛ އެހެންވެ އެ ހަމަލާ ވެގެން ގޮސްފައި ވަނީ މުޅި ރާއްޖެ ސިއްސުވާލި އަދި ދުނިޔެވެސް ސަމާލުކަން ދިން ހަމަލާ އަކަށެވެ. ހަމަލާގައި އެމަނިކުފާނަށް ލިބި ވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމުގައި ފުރާނަފުޅު ސަލާމަތް ކުރެވުނީ ކިރިޔާ ކަމަށް އޭޑީކޭ ޑޮކްޓަރުން ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދެވި އިރު އެ މަނިކުފާނަށް ލިބި ވަޑައިގެންނެވި ޒަހަމްތަކާ ގުޅޭ ތަފާތު ތަފުސީލުތައް އެކި ފަހަރު މަތީން މީޑިއާއަށް އައެވެ. ނަމަވެސް މިދިއަ އީދު ދުވަހު އިތުރު ފަރުވާއަށް އެ މަނިކުފާނު ޖަރުމަނަށް ގެންދެވުނު ފަހުން އާއިލާ އާއި ރައްޔިތުންގެ މަޖިލީހުން ވަނީ ޒަހަމްތަކުގެ ވަރަށް ތަފުސީލް ފޮޓޯތަކެއް އާންމު ކޮށްފަ އެވެ. އެ ފޮޓޯތައް ވެގެން ދިޔައީ އެންމެން ހިތުގައި ޖެހުނު އަދި އަސަރުކުރުވި ފޮޓޯތަކަކަށެވެ. އެއިން ރައީސް ނަޝީދަށް ދިން ހަމަލާގެ ނުރައްކާ ކަމާއި ސީރިއަސްކަން އެންމެނަށް ވަޒަން ކޮށްލެވުނެވެ. އަދި އެއީ އާދައިގެ ހަމަލާއެއް ނޫން ކަމަށް ގަބޫލު ވެސް ކުރެވުނެވެ.
ޒަހަމްތަކުގެ ފޮޓޯތައް އެންމެ ފުރަތަމަ ރައްޔިތުންނާ ހިއްސާ ކުރެއްވީ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދެވެ. އެ ފޮޓޯތައް ހިއްސާ ކުރައްވަމުން ވިދާޅުވެފައިވާ ގޮތުގައި އެއީ ރައީސް ނަޝީދު އެދިވަޑައިގަންނަވައިގެން ހިއްސާ ކުރެއްވި ފޮޓޯތަކެކެވެ. ގާނޫނު ހަދާ މަޖިލީހުން އެ ފޮޓޯތައް ހިއްސާކުރީ އޭނާގެ ފަހަތުންނެވެ.
އާންމު ކުރި ހަތަރު ފޮޓޯއިން ފެންނަ ގޮތުގައި ރައީސް ނަޝީދުގެ ބަނޑުގެ ބޮޑު ބައެއް މެޔާ ހަމައަށް ފަޅާލާފައި ވެއެވެ. އަދި ފޮޓޯތަކުން އެނގޭ ގޮތުގައި އެ މަނިކުފާނަށް އެންމެ ބޮޑަށް އަދި ގިނަ ޒަހަމްތައް ލިބިވަޑައިގެންފައި ވަނީ ހަށިގަނޑުގެ ވާތް ފަޅި އަށެވެ. އެނޫނަސް ގިނަ އެތައް ޒަހަމެއް ފެނެ އެވެ.
ކުރިން ފެނިފައި އޮތީ އެމަނިކުފާނަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި އޭޑީކޭ ހޮސްޕިޓަލުން އާންމު ކޮށްފައިވާ ކުރެހުންތަކެކެވެ. އެކަމަކު އާ ފޮޓޯތަކުން ބޮމުގެ ހަމަލާގެ ސީރިއަސް ކަމާއި ޒަހަމްތަކުގެ ފުންކަން ދެނެގަތުމަށް ވަރަށް ފަސޭހަވި އެވެ. ކުރީގެ ކުރެހުންތަކުގައި އެމަނިކުފާނުގެ ޒަހަމްތައް ދެއްކުމަށް ރަތްކުލައިން ފާހަގަތަކެއް ޖަހައި ދީފައި ވިޔަސް އެކަމަކު ފުން ޒަހަމް އިހުސާސް ކޮށްލެވުނީ އާ ފޮޓޯތަކުންނެވެ.
"ސުބުހާނައްﷲ! ރައީސް ނަޝީދަށް ލިބުނު ޒަހަމްތައް ފެނިފައި ރޮވިއްޖެ، މިއީ ކޮންފަދަ އަނިޔާވެރިކަމެއް!" ޓްވިޓާ ކޮމެންޓް ކުރަމުން ދިޔަ އެތައް ބައެއްގެ ތެެެރެއިން މީހަކު ކޮމެންޓެއް ކޮށްފައި އޮތެވެ.
ގިނަ މީހުން ބުނެފައިވާ ގޮތުގައި އެއީ އިންސާނެއް ދެކެ ކިތަންމެ ބޮޑަށް ނަފްރަތު ކުރި ނަމަވެސް ކޮށްގެން ނުވާނެ ފަދަ އަނިޔާއެކެވެ. ފޮޓޯތަކާއެކު މިގޮތަށް ހަމަލާ ސިފަ ކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދުގެ ސިޔާސީ ފިކުރާ ދެކޮޅު ވަރަށް ގިނަ ބޭފުޅުންނާއި އާންމުން މީހުން ވެސް ހިމެނެ އެވެ. އަދި އޭގެ ތެރޭގައި އެމަނިކުފާނަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާ މީހުން ވެސް ހިމެނެ އެވެ. ގިނަ އެންމެންގެ ބަސް ވެސް ގާތްގަނޑަކަށް އެއްގޮތެވެ:
"މިއީ އިންސާނަކަށް ދީގެންވާނެ ހަމަލާއެއް ނޫނެ" ވެ.
"ގައުމެއްގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް މިދަފަ އަނިޔާއެއް ދިނުމުން އެ ގައުމުގެ ރައްޔިތުންނަށް އަސަރު ކުރާނެ ނޫންތޯ؟" އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާ ކަމަށް ބުނެ އާންމު މީހަކު ކޮމެންޓެއް ކޮށްފައި ވެއެވެ.
ފޮޓޯތަކާއެކު އާންމުންގެ މިފަދަ އެތައް އިހުސާސްތަކެއް ސޯޝަލް މީޑިއާގެ ތެރެއަށް ބަންޑުން ކޮށްލާފައި ވެއެވެ. އެ އެންމެންގެ ވާހަކައަކީ އެ ހަމަލާއިން ރާއްޖޭގައި އަމަން އަމާންކަމާއި ރައްކާތެރިކަން ނެތް މިންވަރު ސާބިތުވެއްޖެ އެވެ.
"ލާއިންސާނީ މިވަރު އަމަލެއް ނުދެކެން ރާއްޖެއަކުން،" އެހެން މީހަކު ލިޔެފައި ވެއެވެ.
ވަރަށް ގިނަ ބަޔަކު ވަނީ ރައީސް ނަޝީދަށް ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންދަން އަވަސް ކުރަން އެދިފަ އެވެ. އަދި އެހާ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހެޔޮ ދުއާކޮށް އަވަސް ޝިފާ މިންވަރު ކޮށްދިނުމަށް އެދިފަ އެވެ.
ރައީސް ނަޝީދަށް ލިބި ވަޑައިގެންނެވި ޒަހަމްތަކުގެ ފޮޓޯތަކުން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ރޮއްވާލާފަ އެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެމަނިކުފާނަށް ތާއީދު ކުރާ އާންމު ރައްޔިތުން ވަނީ ހަމްދަރުދީ ފާޅުކޮށްފަ އެވެ. ހިތްތަކެއް ވަނީ ޒަހަމްވެފަ އެވެ.