ނަޝީދަށް އަމާޒު ކުރި ހަމަލަ

މިފަހަރު ކަމުދިޔައީ ނަޝީދުގެ ނިއުލުކް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހިންގެ މެދުގައި އެންމެ ބޮޑު ތާއީދެއް އޮތް ސިޔާސީ އެއް ލީޑަރެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނާ ގުޅުންހުރި ހަބަރުތަކަށް އާންމުންގެ ސަމާލުކަން ވަނީ ކުރިއަށް ވުރެ ވެސް އިތުރުވެފަ އެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ވަގުތަށް ލިބުމަށް އާންމުގެ އެތައް ބަޔަކު ތިބެނީ އިންތިޒާރުގަ އެވެ.

ހަމަލާގައި ރައީސް ނަޝީދަށް ލިބި ވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވައި ސާޖަރީތަކެއް ވެސް ހެދުމަށްފަހު މިވަގުތު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގަ އެވެ. ރައީސް ނަޝީދު މިވަގުތު އެ ހުންނެވީ ރާއްޖެއާ ދުރުގައި ކަމަށްވީ ނަމަވެސް އާންމުން ގެންދިޔައީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފޮޓޯއެއް ނުވަތަ ވީޑިއޯ އަކަށް ނަމަވެސް އިންތިޒާރު ކުރަމުންނެވެ.

ރާއްޖެއަށް މިއަދު އިރުއަރައިގެން އައި އިރު ބައެއް ދިވެހިން އިންތިޒާރު ކުރި ކަހަލަ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ފޮޓޯ އާންމުކޮށްފައި ވަނީ ރައީސް ނަޝީދު ބޭނުން ކުރައްވާ "އެލެކްސް އަހްމަދު" ގެ ޓްވިޓާ އެކައުންޓުންނެވެ. ފޮޓޯގެ ކެޕްޝަންގައި "ނައިސް މޯނިން އިން ބާލިން" ކަމަށް ލިޔުއްވާފައިވެ އެވެ.

އެ ފޮޓޯއިން ފެންނަނީ ޖަރުމަންގެ ވެރިރަށް ބާލިންގައި ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލްގެ ކުޑަދޮރަކުން އެމަނިކުފާނު ބޭރަށް ބައްލަވަން ހުންނަވާ މަންޒަރެވެ. ރައީސް ނަޝީދުގެ ފުރަގަހުން ނަގާފައިވާ މި ފޮޓޯގައި އެމަނިކުފާނު ހުންނެވީ ބޯބާލާފަ އެވެ. ނަމަވެސް ބޮލުގެ ކުޑަ ތަންކޮޅެއްގައި އިސްތަށި ހުރިއިރު ވައަތްފަރާތުން ކަންފަތާ ދިމާލުން ތިރީގައި ހަމަލާގެ ސަބަބުން ލިބިފައިވާ ޒަހަމެއް ފެންނަން ހުރެ އެވެ.

އެލެކްސް އަހްމަދުގެ އެކައުންޓުން އާންމުކޮށްފައިވާ ފޮޓޯ

އެ ފޮޓޯ ފެނި އެތައް ބަޔަކު އެމީހުންގެ ހިޔާލުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދަނިކޮށް މިރޭ ޓްވީޓާގައި ވަނީ ރައީސް ނަޝީދުގެ އިތުރު ފޮޓޯއެއް އާންމު ކޮށްފަ އެވެ. މި ފޮޓޯ އާންމު ކުރެއްވީ ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އަދި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. މި ފޮޓޯގައި ރައީސް ނަޝީދު ހުންނަވަނީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލްގައި އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އާއި އެކު އެވެ.

ހަމަލާއަށް ފަހު އާންމު ކޮށްފައިވާ ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅު ފެންނަ ފޮޓޯ ތަކަށް ނުލިބޭ ވަރުގެ ސަމާލު ކަމެއް މިރޭ އީވާ އާންމު ކުރެއްވި މި ފޮޓޯ އަށް ލިބިފައިވެ އެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ރައީސް ނަޝީދުގެ ސިފައަށް އައިސްފައިވާ ބޮޑު ބަދަލެވެ. މިރޭގެ ފޮޓޯގައި ރައީސް ނަޝީދު ހުންނަވަނީ ފިނި މޫސުމުގައި ބޭނުން ކުރާ ޓްރެންޗް ކޯޓެއް ތުރުކުރައްވައިގެންނެވެ. އެމަނިކުފާނު ހުންނެވީ ބޯބާލާފަ އެވެ. އަދި ވަރަށް ތުނިކޮށް އެމަނިކުފާނުގެ ތުނބުޅީން އިސްތަށި ފާޅުވާން ހުރެ އެވެ. ހަށިގަނޑު ވެސް ތަންކޮޅެއް ބޮޑަށް ހިކިފައިވާހެން ހީވެ އެވެ.

އީވާ އާންމުކުރެއްވި ރައީސް ނަޝީދުގެ ފޮޓޯ

މީގެ ކުރިން ރައީސް ނަޝީދުގެ ބޮލާއި ތުނބުޅި އެގޮތަށް ބޯލްޑްކޮށް ހުއްޓާ އާންމުންނަށް ފެނިފައި ނުވާތީ އެމަނިކުފާނުގެ އާ ސްޓައިލް ނުވަތަ ނިއުލުކް އެތައް ބަޔަކަށް ކަމުދިޔައީ ކަމަށް ވެދާނެ އެވެ. އާންމުންނަށް އެމަނިކުފާނުގެ ނިއުލުކް އެންމެ ވައްތަރުވީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބުރޫސް ވިލިސްއާ އެވެ.

ރައީސް ނަޝީދުގެ ނިއުލުކް ފެންނަ ފޮޓޯ އާންމު ކުރި ވަގުތާ ދާދި އެއްވަގުތެއްގައި އާންމުންގެ މީހަކު ވަނީ އެމަނިކުފާނުގެ ވީޑިއޯ އެއްވެސް ޓްވިޓާގައި އާންމުކޮށްފަ އެވެ. ވީޑިއޯގައި ފެންނަނީ ބާލިންގެ ހޮސްޕިޓަލްގެ ސިނޑިއަކުން އެމަނިކުފާނު ހިންގަވާފައި ތިރިއަށް ފައިބާ ވަޑައިގަންނަވާ މަންޒަރެވެ. އަރިހުގައި ސާބެ ހުންނަވާއިރު ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނީ ކޮރެއް ޖައްސަވަމުން ވަރަށް ބޮޑު ވޭނެއްގައި ހުންނަވައިގެން ކަން ފާހަަގަ ކުރެވެ އެވެ.

އޭޑީކޭގައި ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ނަގާފައިވާ ފޮޓޯތަކެއް ވެސް އިއްޔެ ވަނީ މީޑިއާގައި އާންމުކޮށްފަ އެވެ. ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ރޭ އާންމުކުރެއްވި ފޮޓޯތަކަށް ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އެވެ. އަދި އެ ފޮޓޯ ތަކުން ވެސް ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް ލިބިފައިވާ ބޮޑެތި އަނިޔާތައް ވަޒަންކޮށްލެވެ އެވެ.

ރައީސް ނަޝީދާ ގުޅޭ މިފަދަ ފޮޓޯތަކާއި ވީޑިއޯ ތަކުން އެމަނިކުފާނަށް ލިބިފައިވާ އަނިޔާގެ ބޮޑުކަން އިހްސާސް ކުރެވޭތީ އެންމެން ވެސް ދަނީ އެމަނިކުފާނަށް އަވަސް ޝިފާ އަކަށް އެދި ދުއާކުރަމުންނެވެ.