މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް ފަހު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިބީ ހޮރަށް ވަދެ ފިލާ ކަަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި، އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމްޑީޕީގެ ސަރުކާރުން މިހާތަނަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި މަޖިލިސް ތެރޭގައި ވެސް އެ ވާހަކަ ދެއްކުން ފިޔަވައި އިތުރު ކަމެއް އެމްޑީޕީގެ މެމްބަރުން ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހިތުން އެމްޑީޕީގެ މެމްބަރުންވެސް މިއަދު ލަދު ގަންނަން ޖެހޭނެ ރައީސް ނަޝީދަށް އެވަރުގެ އަނިޔާއެއް ދިނީމަ އެމްޑީޕީގެ ހުރިހާ އެންމެން ގެއަށް ވަދެ ހޮރަށް ވަދެ ފިލާތިބި ތިބުން. އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ މީހުން ލަދު ގަންނަން ޖެހޭނެ މިހާރު ޓެރަރިޒަމްގެ ވާހަކަ ދައްކަން. މިއަދުގެ މި ސަރުކާރުގައި ތިބި ގިނަ މީހުން ގަބޫލު ކުރާނެ މި ރާއްޖޭގަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބަޔަކު އުފައްދާ ކަމަށް ވަންޏާ އުފެއްދި ބަޔަކު ވެސް ތިބީ މި ސަރުކާރުގައި ކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ހަމަލާއަށް ފަހު ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ހޯއްދަވަމުންދާ އިރު އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާ ސަރުކާރުން އެ މައުލޫމާތުތައް ރައްޔިތުންނަށް ހާމަނު ކުރައްވާތީ އެކަމަށް ވެސް އާދަމް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލެއްް ނުކުރަން [ކޮއްކޯފުޅު] ނާޒިމް ސައްތާރު އަރުއްވާފަ ޓީވީއަކުން ނުވަތަ އެއްޗެއް ޓުވީޓުކޮށްލައްވާފަ އެއްޗެއް ވިދާޅުވީމަ އެއީ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ ކަމަށް. އެހެންވީމާ މިއަދަކ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ވެސް ޓެރަރިޒަމްގެ ވާހަކަ މާ ބާރަކަށް ދައްކާނެ ކަމެއް ނެތް. އަޅުގަނޑު ގަބޫލެއް ނުކުރަން އެމްޑީޕީއަކަށް މިއަދު އެ ފުރުސަތު އޮތް ކަމަކަަށް." އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން މިހާރު މައުލޫމާތު ދެއްވަމުން ދަނީ އާއިލާއިން އެކަންޏެވެ. އެގޮތުން ބައެއް ފަހަރު އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ބޭބެ ޑރ. އިބްރާހިމް ނާޝިދު ޓުވިޓާ މެދުވެރިކޮށް މައުލާމާތު ދެއްވަ އެވެ.