ލައިފްސްޓައިލް

ފަލަސްތީނުގެ މީހުންގެ ހިތްދަތި ހާލު 10 އަހަރު ކުއްޖެއްގެ ދުލުން

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން މިހާރު ދެމުންދާ ހަމަލަތަކުގައި ގާޒާއަށް ބޮން އެޅުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މިހާތަނަށް މަރުވެއްޖެ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. ވައިގެ ހަމަލައިގެ ސަބަބުން އަމިއްލަ ގެދޮރު ސުންނާފަތިވެ ހާލުޖެހި ހަދާނެ ގޮތް ހުސްވެފައިވާ 10 އަހަރުގެ އަންހެންކުއްޖެއް ރޮމުން ރޮމުން އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލި މަންޒަރުގެ ވީޑީއޯ އަކީ މިހާރު އިންޓަނެޓުގައި އެންމެ ގިނަ ބަޔަކު ބަލަމުންދާ ވީޑިއޯ އެވެ.

އިޒްރޭލްގެ މިސައިލް ހަމަލައިގައި އޭނާގެ ގެ ފުނޑުފުނޑުވެގެން ފައިބައިވާ ތަން މި ވީޑިއޯގައި ނަދީން-އަބްދުލް-ތާއިފް ލޮލުން ކަރުނަ އައިސްފައިވާ ހާލުގައި ދައްކާތަން ފެނެ އެވެ.

"އަހަރެން އަބަދުވެސް އުޅެނީ ބަލިވެ. އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ،" ހިތުޖެހިފައި ހުރެގެން ނަދީން ބުނެ އެވެ.

މި ވީޑިއޯއަކީ މިޑްލް އީސްޓް އައި އިން މި ހިނގާ މޭ މަހުގެ 15 ވަނަ ދުވަހު ގާޒާގައި ނަގާފައިވާ މަންޒަރު ތަކެކެވެ. ނަދީން ދިރިއުޅޭ ހިސާބަށް އިޒްރޭލުން ދިން ވައިގެ ހަމަލަ ތަކުގައި 149 މީހުން އޭރު މަރުވެފައި ވެއެވެ. މީގެ ތެރޭގައި 41 ކުޑަކުދިން ހިމެނެ އެވެ. އަދި އެތައް ހާސް މީހުންނަކާއި ކުޑަކުދިންނަކަށް ބޮޑެތި ޒަޚަމްތައް ލިބި ފަރުވާ ދޭން ހޮސްޕިޓަލުތަކަށް ގެންގޮސްފައި ވެއެވެ.

ދިހަ އަހަރުގެ ނަދީން މޫނު މިހާރު ވެފައި ވަނީ ގާޒާގައި ދިރިއުޅޭ ކުޑަކުދިންގެ ވޭނާއި ކެކުޅުންތައް އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ ރަމްޒަކަށެވެ.

"އަހަރެން ދެން ކުރާނީ ވެސް ކީއް ހެއްޔެވެ؟ މިކަން ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ އެންމެ 10 އަހަރުގެ ކުއްޖެކެވެ. އަހަންނަކަށް ދެން މިކަންކަމާ ކެތެއް ނުކުރެވޭނެ،" ފުނޑުވެފައިވާ އިމާރާތްތަކާ ދިމާލަށް އިނގިލި ދިއްކޮށްފައި އަޑު ތުރުތުރު އަޅާ ހާލު ނަދީން ބުނެ އެވެ.

މި ވީޑިއޯގައި ނަދީން އިތުރަށް ބުނަނީ އޭނާ ބޭނުން ވަނީ ޑޮކްޓަރަކަށް ނުވަތަ އެނޫން ވެސް މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެވޭ ކަހަލަ މީހަކަށް ވާށެވެ. ނަމަވެސް އޭނާއަކަށް އެކަން ކުރެވޭކަށް ނެތެވެ. އޭނާއަކީ އަދި ވަރަށް ކުޑަ ކުއްޖަކަށް ވާތީ އެވެ.

ފަލަސްތީނު ކުއްޖާ އޭނާގެ ޖަޒުބާތުތައް ކިޔައިދެނީ

"އަހަރެން ވަރަށް ބިރުގަނޭ... އަހަރެންގެ މީހުންނަކަށްޓަކައި ކޮންމެ ކަމެއް ވެސް އަހަރެން ކޮށްފާނަން. އެކަމަކު އަހަންނަކަށް ކުރަންވީ ކީއް ކަމެއް ނޭނގޭ،" ނަދީން އޭނާގެ ހިތްދަތި ހާލަތު ބަޔާންކުރަމުން ބުނެ އެވެ.

ދެން ނަދީން ކުރަނީ ވަރަށް ރަނގަޅު ސުވާލު ތަކެކެވެ. އެމީހުންގެ ގެޔަށް ބޮން އަޅައި އެމީހުން މަރަން ބަޔަކު މަސައްކަތް ކުރަނީ ކޮން ސަބަބަކާ ހުރެ ތޯއެވެ؟ އެމީހުންނަށް މިފަދަ ވޭނެއް ތަހައްމަލު ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ އެވެ؟ އަދި މިހާ ބޮޑު އަނިޔާއެއް ދިނީ އެމީހުންގެ ކޮން ކުށެއް އޮވެގެންތޯ އެވެ؟

މި ވީޑިއޯ އެންމެ ދުވަހެއްގެ ތެރޭގައި ހަތަރު މިލިއަން ފަހަރު ބަލާފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ދެރަ ވެގެން ގޮސް ރޮވިފައިވާ ހާލުގައި މި ވިޑީއޯއަށް ކޮމެންޓްކޮށްފައި ވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅު ވެފައި ވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ދެމުންދާ ހަމަލަތައް އަދިވެސް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.