އިޒްރޭލް

ރާއްޖެއަށް ދަތުރުކުރާނަމަ ސަމާލުވުމަށް އިޒުރޭލުން އަންގައިފި

ކޮންމެހެން ދާންޖެހޭ ކަމެއްގައި ނޫނީ ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒުރޭލުގެ ގައުމީ ސަލާމަތީ ބެހޭ މަޖިލީހުން އެ ގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

އިޒުރޭލުގެ ގައުމީ ސަލާމަތީ ބެހޭ މަޖިލީހުން އާންމުކޮށްފައިވާ އެލާޓެއްގައި ވަނީ ރާއްޖެ އާއި އަރުމޭނިއާއަށް ދަތުރުކުރާއިރު ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ރާއްޖޭގައި އިޒުރޭލުގެ ރައްޔިތުންނަށް ނުރައްކާ އޮތުމުން ރާއްޖޭގެ އެލާޓް ލެވަލް ވަނީ ދެވަނަ އިން ތިންވަނައަށް މަތިކޮށްފަ އެވެ.

އިޒުރޭލުން ބަލާ ސަލާމަތީ މިންގަނޑުން ރާއްޖެ ތިންވަނަ ލެވަލްއަށް ޖެއްސުމުން އެ ލެވަލް އިން އަންގައިދެނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ކޮށްގެން ނުވާނެ ކަމެވެ. އެ ގައުމަކަށް ދިއުން އަދި މި ލެވަލްގައި މަނައެއް ނުކުރެ އެވެ.

އިޒުރޭލުގެ ރައްޔިތުންނަށް ރާއްޖޭގައި ނުރައްކާ އޮތް ކަމުގެ އެލާޓް މައްޗަށް ޖެއްސީ ރާއްޖޭގައި އިޒުރޭލުގެ ރައްޔިތުންނާ ދެކޮޅު ހަރަކާތްތަކެއް ހިނގާތީއާއި ޓެރަރިސްޓުންނަށް ތާއިދު ކުރާ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފަތުރުވެރިންގެ ގޮތުގައި އިޒުރޭލުން ރާއްޖެއަށް މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް އައީ 62 މީހުންނެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އިޒުރޭލުގެ ފަތުރުވެރިންގެ ގޮތުގައި 517 މީހުން ރާއްޖެ އައިސްފައިވެ އެވެ.

އިޒުރޭލުން ފަލަސްތީންގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ރާއްޖޭގައި ގެންދަނީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި އެތައް ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި އިޒުރޭލު ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ދަނީ އިސް ދައުރެއްވެސް އަދާކުރަމުންނެވެ.

އިޒުރޭލުގެ ޕާސްޕޯޓްގައި އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނަށްވެސް އިދިކޮޅު އެމްޑީޕީ އިން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެ އިސްލާހު މަޖިލީހުގައި އޮންނަތާ ހަތަރު މަސްވެެގެން ދިޔައިރުވެސް އެ އިސްލާހު އޮތީ ކޮމިޓީގައި ތާށިވެފަ އެވެ.