ޓޫރިޒަމް

ފަސް އަހަރު ތެރޭގައި އިޒްރޭލުގެ 47،000 ފަތުރުވެރިން ރާއްޖެއަށް

ރާއްޖެއަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިޒްރޭލުން 47،877 ފަތުރުވެރިން އައިސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2018 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް އިޒްރޭލުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2018 ގައި އިޒްރޭލުގެ 7،748 ފަތުރުވެރިން ރާއްޖެ އައިއިރު 2019 ގައި 10،424 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އިޒްރޭލުގެ 1،782 ފަތުރުވެރިން 2020 ވަނަ އަހަރު ރާއްޖެ އައިއިރު 2021 ވަނަ އަހަރު 12،175 ފަތުރުވެރިން އަދި މިދިޔަ އަހަރު 15،748 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިޒްރޭލުގެ 8،585 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މި އަހަރު ރާއްޖެ އައި އިޒްރޭލު ފަތުރުވެރިންގެ އަދަދު

  • ޖެނުއަރީ - 1،028
  • ފެބްރުއަރީ - 896
  • މާޗް - 1،269
  • އެޕްރީލް - 1،451
  • މޭ - 736
  • ޖޫން - 621
  • ޖުލައި - 985
  • އޮގަސްޓް - 1،599

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިޒްރޭލުން 47،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިޒްރޭލު ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ދިވެހިން ދަނީ ގޮވާލަމުންނެވެ.

ހާއްސަކޮށް އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖެ އާއި އިޒްރޭލާ ދެމެދު އޮތް ހުރިހާ ގުޅުމެއް ކަނޑާލުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.