ރައީސް އޮފީސް

ގައުމީ އިނާމަށް މާދަމާއިން ފެށިގެން ނަން ހުށަހެޅޭނެ

May 17, 2021
1

މިއަހަރު ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު މާދަމާ އިން ފެށިގެން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު މާދަމާ އިން ފެށިގެން މިމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު
9:00 އިން މެންދުރުފަހު 2:00 އާ ދެމެދު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ކަމާ ގުޅޭ ފޯމް ޑައުންލޯޑް ކުރެއްވޭނެ އެވެ.

ފޯމު ފޮނުވަން ޖެހެނީ ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރައީސް އޮފީހުގެ އީމެއިލް މެދުވެރިކޮށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ވަނީ އެދިފަ އެވެ.

ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ. ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.