ރައްޔިތުންގެ މަޖިލިސް

ދެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

ދެ ވަޒީރުން ކަމުގައިވާ ޑރ. ހުސައިން ރަޝީދު ހަސަނާއި އައިމިނަތު ޝައުނާ އަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން ރަޝީދު ހަސަން އަދި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމަށް އައިމިނަތު ޝައުނާ އައްޔަންކުރެއްވީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދެއްވުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި އިއްވާފަ އެވެ. އަމީންއާންމު އެ ސިޓީފުޅު އިއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.

ކެބިނެޓަށް ގެނައި ބަދަލާ އެކު ރައީސް ސޯލިހް ވަނީ ސައިންސް މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ ބަދަލާ އެކު އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން، މިނިިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ ވުޒާރާއަށް ގެނައި ބަދަލަށް މަޖިލީހުގެ ރުހުން ހޯދަންވެސް މިއަދު ހުށަހެޅި އެވެ.

މީގެއިތުރުން ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އެމިނިސްޓްރީން ވަކިކޮށް، ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްވެސް ރައީސް ސޯލިހް މިމަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. އެހެންކަމުން މިނިސްޓްރީތަކަށް ގެނައި ބަދަލުތައް ދިރާސާކުރުމުގެ މައްސަލަ ވެސް ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވާފަ އެވެ.