ވެމްކޯ

ވެމްކޯގެ މުވައްޒަފަކު ޔުނީފޯމްގައި ހުރެ ވައްކަންކުރި މައްސަލައެއް

ވެމްކޯގެ ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މުވައްޒަފަކު ޔުނީފޯމް އަޅައިގެން ހުރެ ވައްކަންކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މުވައްޒަފު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް އާންމުވެފައިވާ އިރު އޭނާއާ އެކު އެހެން މީހަކުވެސް ފެނެ އެވެ. ނަމަވެސް އެއީ ވެމްކޯގެ މުވައްޒަފެއް ނޫނެވެ.

އެ ވައްކަން ހިނގައި ދިޔައީ ކޮން އިރަކު ކަމެއް ސީދާ ނޭނގެ އެވެ.

އެކަމާ ގުޅޭ ގޮތުން ވެމްކޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ވައްކަމުގައި ޝާމިލްވި މުވައްޒަފަކީ ވަގުތީ މުވައްޒަފެއް ކަމަށާއި އޭނާއާ މެދު ވަގުތުން ފިޔަވަޅު އަޅައި މަގާމުގެ މަސްއޫލިއްޔަތު ތަކުން މިހާރު އެކަހެރި ކޮށްފައިވާ ކަމަށެވެ.

"މި ހިނގައިދިޔަ ހާދިސާއަކީ މި ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ، އަދި އެއްވެސް ހާލެއްގައި ބަލައިގަންނަ އަމަލެއް ނޫނެވެ. މައްސަލައިގެ ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މި ކޯޕަރޭޝަނުން ދަނީ ފޯރުކޮށްދެމުން ނެވެ" ވެމްކޯގެ ބަޔާނުގައިވެ އެވެ.

ވައްކަމުގެ އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލް "އަވަސް" އަށް މިއަދު ވިދާޅުވީ މުވައްޒަފު ވައްކަން ކުރީ ޑިއުޓީ ގަޑީގައި ނޫން ކަމަށެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މުވައްޒަފު ވަގަށް ނެގި ތަކެތި މިހާރު ވެރިފަރާތާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ތަކެތީގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.