ވައްކަން

ދުއްވާފައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގެންފި

މަގުމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގެން ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި އެވެ.

މާލޭގެ އަލިކިލެގެފާނު މަގުގައި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހިންގި ފޭރުމުގެ މިއަމަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30 އ) އެވެ.

އޭނާ މި އަމަލު ހިންގީ ހެލްމެޓެއް އަޅައިގެން ސައިކަލްގައި ދުއްވާފައި ދަމުން އޭނާގެ ކުރީގައި އިން ސައިކަލް ދުއްވަން އިން އަންހެން މީހާގެ ކަރުގައި އަޅާފައި އޮތް ފަށް ޖަހައިގަނެގެންނެވެ.

ފަށް ޖަހައިގަތުމާ ގުޅިގެން އަންހެން މީހާ ސައިކަލް މަޑުކޮށް ދުއްވައިގަތުމާ ގުޅިގެން ފިރިހެން މީހާވެސް ވަނީ ސައިކަލް މަޑުކޮށް އަންހެން މީހާގެ ފަހަތުން ދުވެފައި ގޮސް އަންހެން މީހާގެ އަތުގައި އޮތް އަތްދަބަސްވެސް ޖަހައިގަތުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ވަގުތު އެ ސަރަހައްދަށް ބައެއް މީހުން އައުމާ ގުޅިގެން އޭނާ ވަނީ އަވަސް އަވަހަށް ސައިކަލަށް އަރައި ފިލައިގެން ގޮސްފަ އެވެ.

ފޭރުމުގެ މި އަމަލު ހިންގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

މިމައްސަލައިގައި ފުލުހުން ވަނީ އިސާމު ހައްޔަރުކުރުމުގެ އިތުރުން އޭނާ ދުއްވި ސައިކަލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.