މޯލްޑިވްސް ޕޮލިސް ސާވިސް

ދޮށީ އުމުރުގެ މީހުންގެ އަތުން ފޭރުން އިތުރުވަނީ

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު، އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ހުށަހެޅޭ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ސަމާލުވުމަށް އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކުގެ ކިބައިން އެދޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ މިފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި އަވަހަށް ރިޕޯޓް ކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.