ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަމިއްލަ ގެ -- ހ. ތިމާވެށި ގެއިން ވައްކަންކޮށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާތަކެތި ގެންގޮސްފި އެވެ.
ތިމާވެށި ގޭގެ ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ކުށުގެ ތުހުމަތުގައި ފުލުހުން ވަނީ 30 އަހަރާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން މައުލޫމާތުތަކަށް ބަލާއިރު މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެ މީހުންނެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށް މި މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު ހ. ތިމާވެށި ގެއިން ވަގަށް ނަގާފައިވާ ބައެއް ތަކެތި، ހައްޔަރުކުރި އެކަކު ދިރިއުޅޭ ގެއިން ފެނިފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެ އެވެ. މި ތަކެތީގެ އަގު މިލިއަނަކަށްވުރެ ބޮޑު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.