އުރީދޫ

އުރީދޫ ޗީފް ކޮމާޝަލް އޮފިސަރަަކަށް ނިޔާޒު

May 26, 2021
1

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ކުރިން ވެސް އިސް މަގާމެއްގައި ހުންނެވި ހުސެއިން ނިޔާޒު ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ އުރީދޫ ކުންފުނިން ރާއްޖޭގައި ހިދުމަތްދޭ އުރީދޫ މޯލްޑިވްސްގެ ސީސީއޯގެ މަގާމަށް އައްޔަން ކުރެއްވި ނިޔާއަކީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ހިދުމަތް ފެށި ދުވަހުން ފެށިގެން އެ ކުންފުނީގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށް ދިނުމަށް އެ ކުންފުނިން އިން ހާއްސަ އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެހެންވެ ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ނިޔާޒު އައްޔަން ކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަޑައްތު ކޮށްފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، އިންޑިއާގެ ނަޖީބް ހާން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ނިޔާޒު އައްޔަން ކުރުމާ ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

"މީގެ 16 އަހަރު ކުރިން ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ގުޅުމަށް ފަހު ރާއްޖޭގައި އަޅުގަނޑުމެންގެ ނެޓްވޯކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް ކޮށްދީފައިވާ ގިނަގުނަ ހިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ނަޖީބު ވިދާޅުވި އެވެ.

ނިޔާޒު، ކުރީގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ މޯލްޑިވްސްއާ މީގެ 16 އަހަރު ކުރިން ގުޅިވަޑައިގަތީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެ އެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯއްދަވާފައިވެ އެވެ. ނިޔާޒު އުރީދޫ އަށް ވަޑައިގަތުމުގެ ކުރީގައި ސިފައިންގޭގައި ހިދުމަތް ކުރެއްވި އެވެ.