މާލޭ ސިޓީ ކައުންސިލް

ކުރެހުމުގެ މައްސަލަ ހޫނުވުމުން ބީލަމަށްލާން ނިންމައިފި

May 26, 2021
2

މާފަންނު ބޮޑުގޭގައި ހަދާ ޕާކިން ޒޯނާ ގުޅިފައިވާ ފާރެއްގައި ހިލޭ ކުރަހައިދޭނެ ބަޔަކު ހޯދުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުޅުވާލުމުން އެމައްސަލަ ހޫނުވުމާ ގުޅިގެން އަގު ދީގެން އެ މަސައްކަތް ކުރަން ހަމަޖައްސައި، ބީލަމަށްލުމަށް ނިންމައިފި އެވެ.

ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭ ފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭނެ މީހަކު ހުރި ނަމަ އެކަން މެސެޖަކުން އަންގައިދިނުމަށް މުއިއްޒު ޓްވިޓާގައި ހުޅުވާލީ އިއްޔެގެ ވަގުތެއްގަ އެވެ.

މުއިއްޒު އެގޮތަށް ޓްވީޓް ކުރެއްވުމާ ގުޅިގެން ރާއްޖޭގެ ބައެއް އާޓިސްޓުން ވަނީ ކަންބޮޑުުވުން ފާޅުކޮށްފަ އެވެ. އެމީހުންގެ މައިގަނޑު ޝަކުވާ އަކީ ކޮވިޑާއި ގުޅިގެން އާޓިސްޓުންގެ އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ވަގުތެއްގައި ބޮޑު މަސައްކަތެއް ހިލޭކޮށްދިނުމަށް މޭޔަރު އެދިވަޑައިގަތުމެވެ.

އާޓިސްޓުންގެ ކަންބޮޑުވުންތަކާ ގުޅިގެން މުއިއްޒު ރޭގެ ވަގުތެއްގައި މިމައްސަލާގައި ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވީ އާޓިސްޓުންނަށް މިވަގުތު ދަތިތަކެއް ހުރުމުން މަސައްކަތަށް ބޭނުންވާ ކުލަ އާއި ފިއްސާއި އަދި އެހެން ތަކެތި މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ.

އޭގެފަހުން ވެސް އާޓިސްޓުންގެ ފާޑު ކިޔުން މޭޔަރަށް އަމާޒުވުމާ ގުޅިގެން މިއަދު ހެނދުނު މިމައްސަލާގައި މުއިއްޒު ކުރެއްވި ތިންވަނަ ޓްވީޓެއްގައި ވިދާޅުވީ އާޓިސްޓުންގެ ކަންބޮޑުވުންތައް ބަލައިގަނެ، ފައިސާ ހަމަޖެހުމުން މަސައްކަތް ބިޑަށް ލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ނިޔަތަކީ އާޓިސްޓުންގެ ހުނަރުގެ އަގުވަޒަން ނުކުރުމެއް [ނޫން] ނުވަތަ އާޓިސްޓުންނަށް ހުރި ދަތިތަކަށް ރިއާޔަތް ނުކުރުމެއް ވެސް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުގެ އެންމެ ފަހުގެ ނިންމެވުމާ ގުޅިގެން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ މޭޔަރުގެ ނިންމެވުމަށް ތައުރީފް ކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ބޮޑުގޭގެ އުތުރު ފަރާތުގައި އޮތް ހުސް ޖާގައިގާ ހަދާ ޕާކިން ޒޯނަކީ މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ހަދަން ފެށި ފުރަތަމަ ޕާކިން ޒޯނެވެ.