ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ 56 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ދަންވަރު 2:41 ހާއިރު ހުޅުމާލެ މެޑީކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުން އަދަދު މިވަނީ 149 އަށް އަރާފަ އެވެ. މި މަހު މަރުވި މީހުންގެ އަދަދަކީ 76 އެވެ.
ކޮވިޑް ބަލި ޖެހެގެން ކައިރިކައިރީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެ ވެސް އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވި އެވެ.
ކޮވިޑްގައި އެންމެ ގިނައިން މީހުން މަރުވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު މަރުވި އެވެ. މިދިޔަ އަހަރު ޖުމްލަ އެ ބަލީގައި މަރުވީ 51 މީހެކެވެ.