މުހައްމަދު މަލީހު ޖަމާލް

"އާ އަގުތައް އިއުލާންކުރީ އަމާ ބުނީތީ ފަރަށްދާ އުސޫލުން: މަލީހު

އިންޓަނެޓް އަގު ހެޔޮކޮށް އާ އަގުތައް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އިއުލާން ކުރެއްވީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެ ފާޑު ކިޔައިފި އެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ގޭގެއަށް ދޭ އިންޓަނެޓްގެ އަގު ހެޔޮކުރި މިންވަރު މިނިސްޓަރު ޝައުނާ މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ގޭގެއަށް މިހާރު ދޭ އިންޓަނެޓުގެ ތިން ޕެކޭޖެއްގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު އަގު ހެޔޮ ކޮށްފައި ވެއެވެ. އަދި ޕެކޭޖް ހުސްވުމުން ދެން އިންޓަނެޓް ލިބޭ ސްޕީޑް ވެސް ދަށެއް ނުކުރެވޭނެ އެވެ. އެއާއެކު 300 ރުފިޔާއިން މަތިން ޕެކޭޖް ނަގާނަމަ ޕެކޭޖް ހުސްވުމުން ވެސް އެންމެ ދަށްކޮށް ފަސް އެމްބީޕީއެސްގައި އިންޓަނެޓް ފޯރުކޮށް ދޭން ޖެހޭނެ އެވެ.

މިއަދު އިއުލާންކުރި އަގުތަކަށް ފާޑުވިދާޅުވެ ކުރީގެ ސައިންސް މިނިސްޓަރު މަލީހު ވިދާޅުވީ އިންޓަނެޓްގެ އަގުތައް ސަރުކާރަށް އިއުލާން ކުރެވުނީ ވެސް އޭނާ މިނިސްޓަރުގައި ހުންނަވައި އާ އަގުތައް ފޮނުވިތާ ދެ އަހަރު ފަހުން ކަމަށެވެ. އަދި އިންޓަނެޓް އަގު ހެޔޮ ކުރިއިރު ތިން ޕެކޭޖަކުން އެކަނި އަގު ހެޔޮ ކުރުމުން ވެސް އޭނާ ފާޑު ވިދާޅުވެފައި ވެއެވެ.

"މިނިސްޓަރު ޝައުނާ އަދި ދަސް ކުރައްވަން އެބަޖެހޭ ކޮންމެ އޮޕަރޭޓަރެއް އޮފާކޮށްފަ އިން ޕްލޭން ތަކާއި ޕެކޭޖްތަކުގެ އަދަދުތައް. އެންމެ ތިން ޕެކޭޖެއް ނޫން ކުންފުނިތަކުން އޮފާ ކުރަނީ. މިއީތޯ ހައްގު މިންވަރު؟" މަލީހުގެ ޓުވީޓްގައި ވެއެވެ.

މަލީހު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ދިރާގާއި އުރީދޫން ދެމުން ދިޔަ ހުރިހާ އިންޓަނެޓް ޕެކޭޖެއް އަގު ހެޔޮކު ރަން ރައީސް އޮފީހަށް ފޮނުވި ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިތަަކަށް ދެމުން ދިޔަ އިންޓަނެޓް ޕެކޭޖް ވެސް ހިމެނޭ ކަމަށެވެ.

އިންޓަނެޓް އަގު ހެޔޮ ކުރިކަން އިއުލާން ކުރިއިރު މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައިވާނީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. މޮބައިލް އިންޓަނެޓަށް ގެންނަ ބަދަލާ ގުޅޭގޮތުން ވެސް މަލީހް ފާޑު ވިދާޅުވި އެވެ.

"އެންމެ ގިނަ ރައްޔިތުން ހާއްސަކޮށް ޒުވާނުން ބޭނުން ކުރާނީ މޮބައިލް އިންޓަނެޓް. މޮބައިލް ޑޭޓާއިން އެއްވެސް ވަރަަކަށް އަގު ހެޔޮ ކުރުމުގެ ވާހަކައެއް ނާދޭ. ހެޔޮވާ ގޮތަށޭ ކިޔާފައި އޮތީ އިތުރު އެލަވަންސްކޮޅެއް ދީގެން ނިންމާލަން. އެއީ އެއް ނޫން އެކަން ވާން ޖެހޭނެ ގޮތަކީ. ސީދާ އަގުން ވާން ޖެހޭނީ" މަލީހު ވިދާޅުވި އެވެ.

މީގެ ކުރިން އިންޓަނެޓް އަގު ހެޔޮ ކުރަން ކުރި މަސައްކަތަށް ހުރަސް އެޅީ މިހާރުގެ ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ކަމަށް މަލީހު ވިދާޅުވަމުން ދިޔަ ދިޔުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"އެންމެ ކުޑަމިނުން އަޅުގަނޑުމެން ރައީސް އޮފީހަށް 19 ޖޫން 2019 ގައި ފޮނުވި ސިޓީއަށް ޖަވާބު ދޭން އާދޭސް ދަންނަވައިގެން އޭގެ ޖަވާބު ލިބުނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު. ހަތަރު މަަހެއްހާ ދުވަހު އާދޭސް ކުރަން ޖެހުނު އޭގެ ޖަވާބެއް ހޯއްދަވަން. އެހެންވީމާ އެއީ އޭރުގައި އަމަލު ކުރެއްވި ގޮތަކީ. މިއަދު އެ މަންޒަރު ބަދަލުވެފައި އޮތް ތަން މިފެނުނީ" މަލީހް ވިދާޅުވި އެވެ.

އިންޓެނެޓްގެ އަގު ހެޔޮ ކޮށްފައިވާ ގޮތާ ބެހޭ ގޮތުން ބައެއް އެހެން ފަރާތްތަކުން ވެސް ފާޑު ކިޔާފައި ވެއެވެ.