ސްޓާލިންކް

ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ފަށައިފި

ބިލިއަނަރު -- އީލޯން މަސްކުގެ ސްޕޭސް އެކުސް ކުންފުނިން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ "ސްޓާލިންކް" އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ދޭން ފަށައިފި އެވެ.

ސްޕޭސް އެކްސްގެ ސެޓެލައިޓްތައް މެދުވެރިކޮށް ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ލައިސަންސް ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް 24 ވަނަ ދުވަހު އެވެ. ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ހިދުމަތް ފެށުމަށް އެންމެ ފުރަތަމަ ލައިސަންސް ދިން ގައުމެވެ.

ސްޕޭސް އެކްސް އިން މައުލޫމާތު ދޭ ގޮތުގައި މަހަކު 1،000 ރުފިޔާއަށް 200 އެމްބީޕީއެސްގެ ސްޕީޑްގައި ރާއްޖޭގައި އެ ކުންފުނީގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ އެވެ.

މިހިދުމަތް ހޯދުމަށްޓަކައި ކުރިން ޕްރީއޯޑަރު ކުރި މީހުންނަށް ސްޕޭސް އެކްސް އިން މިހާރު ވަނީ މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ޝިޕް ކޮށްދޭނެ ކަމަށް އަންގާފަ އެވެ.

ސްޕޭސް އެކްސްގެ އިންޓަނެޓް ޕެކޭޖުގައި ހިމެނެނީ ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓަކާއި އަދި ވައިފައި ރައުޓަރު ޔުނިޓެކެވެ. ޝިޕިންއާ އެކު 10،300 ރުފިޔާއަށް މި ޕެކޭޖު ލިބޭނެ އެވެ.

ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ސްޓާލިންކުން ފޯރުކޮށްދޭ ހިދުމަތް ތަފާތު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިހިދުމަތަށް ރާއްޖެއިން އިތުރަށް ބަރޯސާ ވާން ޖެހޭނެ ކަމަށެވެ.

ސްޕޭސް އިން ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ އާންމު ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. ނަމަވެސް ސިކުންތަކު 300 މެގަބިޓް ސްޕީޑްގައިވެސް އިންޓަނެޓްގެ ހިދުމަތް ދީފައިވެ އެވެ.

ސްޓާލިންކުން އިންޓަނެޓުގެ ހިދުމަތް ދެނީ 1،700 އަށް ވުރެ ގިނަ ސެޓެލައިޓް ދުނިޔޭގެ ތިރީ އޯބިޓަށް ފޮނުވައިގެންނެވެ.

ދުނިޔޭގެ 64 އަށް ވުރެ ގިނަ ގައުމަށް ކަވަރޭޖް މިހާރުވެސް ފޯރުކޮށްދެމުންދާ ސްޓާލިންކް ކުންފުނީގެ އަމާޒަކީ މިއަހަރު މޯބައިލް ފޯނުގެ ހިދުމަތްވެސް ފެށުމެވެ. ސްޕޭސްއެކްސް އިން ސްޓާލިންކް ސެޓެލައިޓްތައް ޖައްވަށް ފޮނުވަން ފެށީ 2019 ވަނަ އަހަރު އެވެ.