ޓެކްނޯލޮޖީ

"ޖެމްސް ވާކްސްޕޭސް" އިފްތިތާހްކޮށްފި

ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުން ފަސޭހަކޮށްދިނުމަށް ތައާރަފްކުރި "ޖެމްސް ވާކްސްޕޭސް" ނައިބް ރައީސް ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފި އެވެ.

މިއަދު މެންދުރުފަހު ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ "ޖެމްސް ވާކްސްޕޭސް"ގެ ސަބަބުން ޒަމާނާއި އެއްގޮތަށް ހިދުމަތްތައް ދިނުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް ޝަކުވާއެއް ކަމަށްވާ ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ހިދުމަތްތައް ލަސްވުމުގެ ޝަކުވާއަށް ލިބިގެންދާ ހައްލެކަމުގައި "ޖެމްސް ވާކްސްޕޭސް" ވެގެންދާނެ ކަމުގައިވެސް ސިފަކުރެއްވި އެވެ. އަދި މިވަސީލަތް ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި ބޭނުންކުރެވެން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"ޖެމްސް ވާކްސްޕޭސް" ފަރުމާކޮށްފައިވަނީ ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސް އިން ސިޓީ ބިޓީ ޑްރާފްޓްކޮށް އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

މި ސޮފްޓްވެއާ ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެ އެވެ.